މިމަހުގެ 1 ވަނަ ދުވަހު ނިކުތް ބޮލީވުޑްގެ ފިލްމް "ފިރަންގީ" ކާމިޔާބު ނުވީ އެ ފިލްމް ރަނގަޅަށް ޕްރޮމޯޓު ނުކުރެވުމުން ކަމަށް ޓްރޭޑް އެނަލިސްޓް ގްރިޝް ޖޯހަރު ބުނެފިއެވެ.
ގްރިޝް ބުނީ ކޮންމެ ފިލްމެއް ވެސް ރަނގަޅަށް ހިނގާނީ ރަނގަޅަށް ޕްރޮމޯޓު ކުރެވިގެން ކަމަށާއި "ފިރަންގީ" ރަނގަޅަށް ޕްރޮމޯޓް ކުރެވިފައި ނުވާކަމަށެވެ. އެފިލްމްގެ ޓްރެއިލާ އާއި ލަވަތައް ރިލީޒް ވިއިރު ވެސް ބެލުންތެރިންގެ މާބޮޑު ސަޕޯޓެއް ނުލިބުނު ކަމަށާއި އެއީ ޕްރޮމޯޓް ނުކުރެވުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށް އޭނާ ބުންޏެވެ.
"ފިރަންގީ" ގެ ލީޑް ރޯލުން ފެނިގެންދާ ތަރިންގެ ތެރޭގައި އިޝިތާ ދައްތާ, އަދި މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ އަދި މޮނިކާ އެވެ.
"ފިރަންގީ" ސިނަމާތަކަށް އައިތާ ދެހަފްތާ ވެގެން ދާއިރު އެފިލްމަށް މިހާތަނަށް ލިބިފައި ވަނީ ދިހަ ކުރޯޑް އިންޑިއަން ރުޕީސްއެވެ. މިއީ ކަޕިލް ޝަރުމާގެ ފިލްމްކާ އަޅާ ބަލާފައި ވަރަށް ދަށް އަދަދެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި ފިލްމަށް މާ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށް ކްރިޓިކުން ވަނީ އަންދާޒާކޮށްފައެވެ.
ސަތޭކަ ފަސްދޮޅަސް އެއް މިނިޓްގެ މި ފިލްމްގެ ޑައިރެކްޓަރަކީ ރަޖީވް ދިންގްރާއެވެ. މި ފިލްމް ޕްރޮޑިއުސް ކޮށްފައި ވަނީ ކަޕިލްއެވެ.
ކަޕިލްގެ "ފިރަންގީ" އަކީ އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އިންޑިއާ އޮތް ދުވަސްވަރުގެ ތެރޭގައި ހިނގާދިޔަ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. އެގޮތުން ފިލްމްގައި ކަޕިލްއަކީ އިނގިރޭސީން ވަަރަށް ރަނގަޅު ބައެއް ކަމަށް ގަބޫލު ކޮށްގެން އެ މީހުންނާ އެކު މަސައްކަތް ކުރާ މީހެކެވެ. އަދި އެކަމުގެ ސަބަބުން ގިނަ ބަޔަކު އޭނާއާ ދެކޮޅުވެ އޭނާއަކީ އިނގިރޭސިންނަށް ވިކިފައިވާ މީހެއް ކަމަށް ގަބޫލު ކުރެއެވެ.
މި ފިލްމަށް ނާކާމިޔާބުވި އިރު ސޮނީ ޗެނެލުން ދައްކަމުން އައި ކަޕިލްގެ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" އަށް ވެސް މައްސަލަތައް ކުރިމަތިވެ އެ ދެއްކުން ވަނީ މެދުކަނޑާލާފައެވެ. އޭގެ ސަބަބުން ވެސް ކަޕިލްގެ ފިލްމަށް އަސަރުކުރި ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ.