އިންޑިޔާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީ އާއި ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަނުޝްކާ ޝަރުމާގެ ކައިވެނި މިހަފްތާ ތެރޭގައި ކުރާނެ ކަމުގެ އަޑުތައް މީގެ ކުރިން ވަނީ ފެތުރިފައެވެ.
އަނުޝްކާ އާއި ވިރާތުގެ ކައިވެނި ކުރާނީ އިޓަލީގައި ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށް އަނުޝްކާ މިހާރު އިޓަލީއަށް ގޮސްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވަނީ އަނުޝްކާ މިހާރު ހުރީ އިޓަލީގައި ކަމަށާއި އޭނާއާ އެކު އޭނާގެ ބައްޕަ އާއި އާއިލާ ވެސް ގޮސްފައިވާ ކަމަށެވެ.
އިންޑިއާގެ އެންޑީޓީވީން ވަނީ އަނުޝްކާ އާއި އާއިލާ މުމްބާއީ އެއާޕޯޓުން ފުރަންގޮސް ތިއްބައި ފޮޓޯ ނަގާފައެވެ. ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އަނުޝްކާގެ ބައްޕަ ވަނީ އޭނާގެ ކައިވެނި ހަފްލާގައި ބައިވެރިވުމަށް އަވައްޓެރިންނަށް ވެސް ދައުވަތު އަރުވާފައެވެ.
އެހެން ނަމަވެސް ކުރީގެ ރިޕޯޓުތައް ބުނާ ގޮތުގައި އަނުޝްކާ އާއި ވިރާތުގެ ކައިވެންޏަށް ދައުވަތު އަރުވާފައި ވަނީ ހަމައެކަނި ގާތް ރައްޓެހިންނާއި އާއިލާގެ މީހުންނަށެވެ.
ވިރާތާއި އަނުޝްކާ ލޯބީގެ ގޮތުން ރައްޓެހިވެގެން އުޅޭތާ މިހާރު ހަތަރު އަހަރު ވަނީ ވެފައެވެ. އެ ދެ މީހުން އެކުގައި ދިމާވީ މީގެ ހަތަރު އަހަރު އެކީގައި ކުޅުނު އިސްތިހާރަކުންނެވެ. ނަމަވެސް ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ ދެ މީހުންގެ ގުޅުން ކެނޑިފައި ވެސް ވެއެވެ.
އަނުޝްކާ އާއި ވިރާތުގެ ކައިވެނީގެ ވާހަކަ ފެތުރުމާއެކު ވިރާތުގެ ސްޕޯކްސްޕާސަން ވަނީ އެކަން ދޮގުކޮށްފައެވެ. އެހެން ނަމަވެސް އޭނާ ބުނީ ވިރާތު ވަނީ މިހާރު ކުރިން ބިޒީކޮށް އުޅުމަށް ފަހު ބޮޑު ބްރޭކެއްގައި ކަމަށެވެ. ވިރާތު އަދި އިޓަލީއަށް ފުރިކަމެއް ރިޕޯޓުކޮށްފައެއް ނުވެއެވެ.
އެ ދެ މީހުން އެންގޭޖްވި ވާހަކަ މީޑިއާގައި މީގެ ކުރިން ދެކެވުމުން ވެސް އަނުޝްކާ އާއި ވިރާތު ވަނީ އެކަން ދޮގުކޮށްފައެވެ. އެހެން ނަމަވެސް ފަހުން އެ ދެ މީހުން ވަނީ އެއީ ތެދެއް ކަމަށް އެއްބަސްވެފައެވެ.