ކ. މާލެ
|
9 ޑިސެންބަރ 2017 | ހޮނިހިރު 05:53
އދގެ ސަލާމަތީ މަޖިލިސް: ގިނަ ޤައުމުތަކަކުން ވަނީ އެމެރިކާގެ ނިންމުމަށް ފާޑުކިޔާފަ
އދގެ ސަލާމަތީ މަޖިލިސް: ގިނަ ޤައުމުތަކަކުން ވަނީ އެމެރިކާގެ ނިންމުމަށް ފާޑުކިޔާފަ
ގޫގުލް
ޤުދުސްގެ މައްސަލަ
ޤުދުސްއަށް އެމްބަސީ ބަދަލުކުރާ މައްސަލައިގައި ސަލާމަތީ މަޖިލީހުގެ އަޣުލަބިއްޔަތު އެމެރިކާއާ ދެކޮޅަށް!
ފާޑުކީ ޤައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ގާތް ޤައުމުތައްވެސް ހިމެނޭ
ގިނަ ފަރާތްތަކުން ބުނަނީ އެމެރިކާގެ ނިންމުން ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފުކަމަށް
އެމެރިކާއިން ބުނަނީ އދ އިން އުޅެނީ އިސްރާއީލާއި ޖައްސާލައިގެން ކަމަށް

ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ، އުފައްދާފައިވާ އިސްރާއީލުގެ ދައުލަތުގެ ވެރިރަށަކީ ޤުދުސް ކަމުގައި ބަލައިގަނެ، އިސްރާއީލުގެ ތެލް އަވީވުގައި ހުރި އެމެރިކާގެ އެމްބަސީ ޤުދުސަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމެވި ނިންމެވުމަށް އދގެ ސަލާމަތީ މަޖިލީހުގައި ގިނަ ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

ސަލާމަތީ މަޖިލީހުގައި ހިމެނޭ 8 ޤައުމަކުން އިސްނަގައިގެން ބޭއްވި އެ މަޖިލީހުގެ ކުއްލި ޖަލްސާގައި ގިނަ ޤައުމުތަކަކުން އެމެރިކާއަށް ފާޑުކިޔާފައިވާއިރު، ރައްދުގައި އެމެރިކާ އާއި އިސްރާއީލުން ވަނީ އދ އާއި ބައިނަލްއަޤުވާމީ ދުނިޔެއަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.

ސަލަމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން، މެދުއިރުމަތީގެ ސުލްޙައިގެ މަސައްކަތަށް އދ އިން ކަނޑައަޅާފައި ހުންނަވާ ޚާއްސަ ކޯޑިނޭޓަރ، ނިކޮލައި ލަޑޭނޯވް ވިދާޅުވީ، ޤުދުސް އަކީ ފަލަސްޠީނާއި އިސްރާއީލުގެ މައްސަލައިގެ އެންމެ ނާޒުކު އެއް ބައި ކަމަށާއި، ޤުދުސް އާއި ގުޅޭގޮތުން މިހާތަނަށް އދ އިން ނިންމާފައި ހުރި ނިންމުންތަކުގެ ޤަދަރު ކުޑަވާގޮތަށް ވަކިވަކި ޤައުމުތަކުން ނިންމުންތައް ނިންމުމަކީ، ސުލްޙައަށް ކުރެވޭ މަސައްކަތަށް އެޅިގެންދާ ހުރަހެއް ކަމަށެވެ.

މި ބައްދަލުވުމުގައި އދ ގައި ހުންނަވާ ފަލަސްޠީނުގެ އެމްބެސެޑަރ އަދި ދާއިމީ އޮބްޒަރވަރ، ރިޔާދް މަންސޫރު ވިދާޅުވީ، އެމެރިކާގެ ނިންމުމާއިއެކު ސަރަޙައްދުގެ މަސްރަހު ހޫނުވެފައިވާ ކަމަށާ، މުޅި މެދުއިރުމަތި ހަމަނުޖެހުމުގެ ތެރެއަށް ވެއްޓުމުގެ ފުރުޞަތު ހުޅުވިގެން ގޮސްފައިވާ ކަމަށެވެ.

ޤުދުސްއަށް އެމެރިކާގެ އެމްބަސީ ބަދަލުކުރުމަކީ އިސްރާއީލުން އަދަބެއް ނެތި، މިނިވަންކަމާއިއެކު ހިންގަމުންދާ ޖަރީމާތަކަށް އެމެރިކާއިން ދިން އިނާމެއްގެ ގޮތުގައި ސިފަކުރައްވައި، މަންސޫރު ވިދާޅުވީ، މި ނިންމުމާއިއެކު، ފަލަސްޠީނާއި އިސްރާއީލުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކުގައި އިސް ރޯލެއް އަދާކުރުމުގެ ޙައްޤު އެމެރިކާއަށް ގެއްލިފައިވާކަމަށެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޤުދުސްގައި ހުރި މުސްލިމުންނާއި ނަޞާރާއިންގެ މުޤައްދަސް އެކިއެކި އިމާރާތްތަކުގެ ބެލެނިވެރިކަން ކުރާ އުރުދުންއިން އދއަށް ކަނޑައަޅާފައިޥާ މަންދޫބު ސީމާ ބަހުސް ވިދާޅުވީ، ޤުދުސްގެ މައްސަލައިގައި ވަކިވަކި ޤައުމުތަކުން ނިންމާ ނިންމުންތަކަކީ ބާޠިލް ނިންމުންތަކެއް ކަމަށެވެ.

ސީމާ ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންނަށް، އިންސާފުވެރި ހައްލެއް ނުލިބޭހާ ދުވަހަކު މެދުއިރުމައްޗަށް ހަމަޖެހުން އަންނާނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.

އދ ގައި ހުންނަވާ މިސްރުގެ މަންދޫބު، އަމްރު އަބްދުއްލަޠީފް އަބޫލައްތާ ވިދާޅުވީ ޤުދުސްގެ ބިމަކީ ފަލަސްޠީނުގެ ރައްޔިތުން އަތުން ފޭރިގެންފައިވާ ބިމެއް ކަމަށާއި، އެހެންކަމުން ވަކި ޤައުމަކުން ނިންމުމެއް ނިންމި ނަމަވެސް ޤުދުސްގެ ޤާނޫނީ ހައިސިއްޔަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

އެމެރިކާގެ އެންމެ ގާތް އެއް ޤައުމު ކަމުގައިވާ އިނގެރޭސިވިލާތުންވެސް އެމެރިކާގެ ނިންމުމަށް ފާޑު ކިޔާފައިވާއިރު، އދ ގައި ހުންނަވާ އިނގެރޭސިވިލާތުގެ އެމްބެސެޑަރު، މެތިއު ރައިކްރޮފްޓް ވިދާޅުވީ، އިސްރާއީލަށް ކަނޑައަޅާފައިވާ އެ ޤައުމުގެ އެމްބަސީ ހުންނާނީ ތެލްއަވީވުގައި ކަމަށާއި، އެހެން ތަނަކަށް އެމްބަސީ ބަދަލުކުރުމަށް އިނގެރޭސި ސަރުކާރުން ނުވިސްނާ ކަމަށެވެ. ފަލަސްޠީނާއި އިސްރާއީލުގެ މައްސަލައަށް، ސުލްޙަވެރި، ދެދައުލަތުގެ ހައްލެއް ލިބިގެން ދިއުމަށް އެދޭ ކަމަށްވެސް ރައިކްރޮފްޓް ވިދާޅުވިއެވެ.

މި ޤައުމުތަކުގެ އިތުރުން ފްރާންސާއި، ސްވިޑެން އަދި ރަޝިއާ އާއި ޖަޕާނުންވެސް އެމެރިކާގެ ނިންމުން ކުށްވެރިކޮށް، އެ ނިންމުން ބަލައި ނުގަންނާނެކަން ފާހަގަކޮށް، ސަލާމަތީ މަޖިލީހުގައި ވަނީ ވާހަކަދައްކާފައެވެ.

ސަލާމަތީ މަޖިލީހުގައި ބައިނަލްއަޤުވާމީ ދުނިޔެއަށް ރައްދުދެމުން އެމެރިކާގެ އެމްބެސެޑަރު، ނިކީ ހާލީ ވިދާޅުވީ، އދ އިން އިސްރާއީލަށް އެކިއެކި ދެރަގޮތް މެދުވެރިކުރުމަށް، އެ ޤައުމާއި ދެކޮޅަށް މަސައްކަތްކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ނިކީ ވިދާޅުވީ، ފަލަސްޠީނާއި އިސްރާއީލުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް އެމެރިކާއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

އިސްރާއީލުން ވަނީ އެމެރިކާއިން ސަލާމަތީ މަޖިލީހުގައި ދެއްކި ވާހަކަތަކަށް ޝުކުރު އަދާކޮށް، އެމެރިކާގެ ނިންމުމަށް މަރުހަބާ ކިޔާފައެވެ.

އިޒްރާއީލާއި ފަލަސްތީނާ ދެމެދުގައިވާ ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން އެންމެ ނާޒުކު މައްސަލައަކީ ޤުދުސްގެ މައްސަލައެވެ. އިޒްރާއީލުން 1967 ވަނަ އަހަރު ކުރި ހަނގުރާމާގައި އިރުމަތީ ޤުދުސް ހިފުމަށް ފަހު، އިޒްރާއީލުން ޤަބޫލުކުރަނީ އިރުމަތީ ގުދުސްއަކީ އެމީހުންގެ ވެރިރަށުގެ ގޮތުގައެވެ. އެހެންނަމަވެސް ފަލަސްޠީނުން ބޭނުން ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް އުފެދުމުން، އެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް ހެދުމަށެވެ.

ޤުދުސްގައި މިހާތަނަށް އެއްވެސް ޤައުމެއްގެ އެމްބަސީއެއް ޤާއިމްކޮށްފައެއް ނުވެއެވެ. އަދި ޤުދުސްއަކީ އިޒްރާއީލުގެ އިޚްތިޞާސް ހިނގާ އިޒްރާއީލުގެ ސަހަރެއްގެ ގޮތުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުއިން ބަލައިގަނެފައެއް ވެސް ނުވެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް