އިންޑިއާގެ ތްރިވަނަމްތަޕޫރަމްގެ މަޝްހޫރު ޗާލާ ބާޒާރުގައި ވިޔަފާރިކުރާ ފާރާތްތައް ފަދައިން، ދިވެހިރާއްޖޭގެ މިނިސްޓަރުން ބޭރު ޤައުމުތަކަށްގޮސް ރޮއި އާދޭސް ކުރައްވަމުން ގެންދަވާކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެރޭ ގުޅިފައިވާ ޕާޓީތަކުން ފ މަގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ، ދިވެހިރާއްޖެއިން ވޯލްޑް ބޭންކުން ފައިސާ ނުނަގައިގެން އެ ބޭންކު ރޯކަމަށް ސަރުކާރުގެ އިސްވެރިން ބުނާއިރު، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން އެންމެ ފަހުން ނެރުނު ރިޕޯޓުގައިވެސް ރާއްޖޭގެ އިޤުތިޞާދު އޮތީ ނާޒުކު ހާލަތެއްގައިކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
ދިވެހިރާއްޖެ، ނިސްބަތުން ނުދަރައި އޮތީ ކޮން ޤައުމަކަށްތޯ ސުވާލުކުރައްވައި ޣަފޫރު ވިދާޅުވީ، މުޅި ޤައުމުގައި ސޭލް އަޅުވައިގެން، އިންޑިއާގެ ތްރިވަނަމްތަޕޫރަމްގެ މަޝްހޫރު ޗާލާ ބާޒާރުގައި ވިޔަފާރިކުރާ ފާރާތްތައް ފަދައިން، ދިވެހިރާއްޖޭގެ މިނިސްޓަރުން ބޭރު ޤައުމުތަކަށްގޮސް ރޮއި އާދޭސް ކުރައްވަމުން ގެންދަވާކަމަށެވެ. ޣަފޫރު ވިދާޅުވީ، މިނިސްޓަރުން އެގޮތަށް ކަން ކުރައްވަން މަސައްކަތް ކުރެއްވި ނަމަވެސް، ރައްޔިތުން އެކަމަށް ފުރުސަތު ނުދޭނެ ކަމަށެވެ.
"ތިޔަކަމެއް ތިގޮތަކަށް ނުވާނެ. އަޅުގަނޑުމެން ޗައުޅާ މީހުންނަކަށް މި ޤައުމެއް ދުލެއް ނުކުރާނަން. އެހެން ނޫން ނަމަ ފ އަތޮޅުގަ ސައުދީ މީހުންވެސް މިހާރު ތިބީސް. ކޮބައިތޯ ތިޔަ ވިދާޅުވި ސައުދީ މީހުން. ވަޑައިގަންނަވާ ސައުދީއަށް ތިބޭފުޅުން. މި ޤައުމަކަށް... އަރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން. ކޮން ޗައިނާއެއްތޯ؟ އެއް ޗައިނާއެއްވެސް ނޯންނާނެ. ތިޔަކަމެއް ނުކުރެވޭނެ މިޤައުމަކު. މީ އަޅުގަނޑުމެންގެވެސް ޤައުމު. މި ޤައުމު ދިފާއު ކުރުމުގަ އަޅުގަނޑުމެން ފުރާނަޔާ ޖާނާ މާލުން ޤުރުބާން ވާން މިތިބީ" ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ބޮޑު ބައެއް ކޮރަޕްޝަންގެ ތެރެއިން ބަޔަކު ބޭނުން ކުރާ ކަމަށާއި، ކުރިން އެއްވެސް ވަރެއްގެ މުއްސަނދިކަމެއް ނެތް ބަޔަކު މާލެ އާއި ހުޅުމާލެއިން އަގުބޮޑު ފްލެޓްތައް ގަނެ، ބޮޑެތި އިމާރާތްތައް އަޅަމުންދާ ކަމަށެވެ.
ޣަފޫރު ވިދާޅުވީ، ދައުލަތުން ކުރާ ވައްކަން، ސުލްހައަށްޓަކައި ޤުރުބާން ނުކުރައްވާނެ ކަމަށާއި، ކޮރަޕްޝަންގެ ތެރެއިން އެކި ފަރާތްތަކުން ހޯދާފައިވާ މުދާ، ދައުލަތަށް ނަގާނެ ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުން އިންސާފު ޤާއިމް ކޮށްދޭނެކަން ފާހަގަކުރައްވާ ޣަފޫރު ވިދާޅުވީ، ދައުލަތުގެ ލޯ ލާރިއެއްގައި ޖެހުނު މީހަކުވެސް، އަދި އެމީހަކީ ޚުދު ގުޅިފައިވާ ޕާޓީތަކުގެ ތެރެއިން ޕާޓީއެއްގެ މެންބަރަކު ނަމަވެސް އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރާނެ ކަމަށެވެ.
ސަރުކާރުން ކަންކަން ކުރަމުންދާގޮތަށް ވަރަށް ހަރުކަށިކޮށް ފާޑުވިދާޅުވެ، ޣަފޫރު ވިދާޅުވީ، މި ކަންކަން މިހެން ހިނގާތަން ބަލަންތިބެން ހެޔޮނުވާނެ ކަމަށާއި، ރައީސް ޔާމީންގެ ސަރުކާރު ބަދަލުކުރުމަށް ނުކުތުމަކީ ކޮންމެ ރައްޔިތެއްގެ ޤާނޫނީ އަދި ފަރުދީ ޒިންމާއަށް މިއަދު ވެފައިވާ ކަމަށެވެ.