ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މި ދަތުރުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ރަސްމީ މަޝްވަރާ ބައްދަލުވުންތައް ބާއްވައި، ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ގުޅުން ބަދަހިކުރުމާބެހޭ 12 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރިއާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ފުޅާ ކުރުމާއި، ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް އިތުރު ކުރިއެރުންތައް ހޯދުމާއި، މިނޫންވެސް ބައެއް އެއްބަސްވުންތައް ހިމެނެއެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްބަސްވުމެއްގެ ގޮތުގައި ދެ ސަރުކާރުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކީ، ދެޤައުމުގެ ދެމެދުގައި ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމެވެ.
ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރުން ފާހަގަކުރުމަށް ޗައިނާގެ ވެރިރަށް ބެއިޖިންގގައި ބޭއްވި ރަސްމީ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއިރު، މި ދަތުރުފުޅުގައި އެ ދެކަނބަލުން ވަނީ ބެއިޖިންގގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވާފައެވެ.