ޗައިނާއާ އެކު ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން އިންޑިއާ ކަނޑުގެ ހަމަޖެހުން ގެއްލިގެންދާނެ ކަމަށާއި، އެފަދަ ވަގުތުތަކުގައި އިންޑިއާއިން ވެސް ފިޔަވަޅުތައް އަޅައި، އެކަމުގެ ގެއްލުމާ ދިވެހި ކުރިމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ލަންކާގައި ހުންނަވާ ރާއްޖެޓީވީއަށް ދެއްވި އެކްސްލޫޒިވް އިންޓަވިއުއެއްގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެގްރިމެންޓްގައިވާ ހުރިހާ ސިފައެއް ސާފުކޮށްދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ. އަދި މިފަދަ އެއްބަސްވުމަކަށްދާއިރު މަޖިލީހުގެ ވަރަށް ފުޅާ ބަހެއް އޮންނަންޖެހޭ ކަމަށާއި، އަދި ކޮމެޓީތަކުގައި ވެސް ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި އެކި ފަރާތްތަކުގެ ހިޔާލު ހޯދަންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ދިވެހި ރައްޖެއިން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމަށެވެ. އަދި އިންޑިއާގެ ސަލާމަތާއި ރައްކާތެރި ކަމަށް ބުރުލެއް އަރާކަމުގައިވާ ނަމަ އިންޑިއާ ވެސް އެ ބާވަތުގެ ކަންކަމުގައި އަމަލުކުރާނެ ކަމަށެވެ.
"އެހެންވީމާ އެފަދަ އަމަލުތަކުން އަޅުގަނޑުމެންނަށް ގެއްލުން ވެގެންގޮސްފި ނަމަ އެއީ އިންޑިއާ ކަނޑަށް ވެސް، އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ވެސް ލިބޭ ވަރަށް ބޮޑު ގެއްލުމަކަށް ވާނެ. އެހެންވީމާ އަޅުގަނޑުމެން އެހެން ޤައުމަކާއެކުގައިވާ އެއްބަސްވުމެއްގެ ސަބަބުން އަޅުގަނޑުމެންގެ އަވަށްޓެރިންނަށް އެކަމުގެ ސަބަބުން ނުރަނގަޅު އަސަރުކުރާކަމަށް އަޅުގަނޑުމެންނަށް ފެންނަކަމަށް ވަންޏާ އެއީ އަޅުގަނޑުމެން އެކަމަކާއި ވިސްނަންޖެހޭނެ ކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ޗައިނާ އެކު ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށެވެ. އަދި އެފަދަ އެއްބަސްވުންތައް ވާންޖެހޭނީ ވަރަށް ބޮޑަށް މަޝްވަރާކުރުމަށް ފަހުގައި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ވާއިރު، ދެ ޤައުމުން ވެސް ހަމަހަމަ މިނެއްގައި މުދާ އެތެރެކޮށް، ބޭރުކުރަންޖެހޭ ކަމަށެވެ. ނަމަވެސް ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓް ކުރަނީ ކުޑަ މިންވަރަކަށްވާއިރު، ޗައިނާއިން ރާއްޖެއަށް ހަތަރު ބިލިއަނެއްހާ މުދާ އެތެރެކުރާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ޗައިނާ ވިޔަފާރިވެރިންނަށް ދިވެހިންނަށް ލިބޭ ހުރިހާ ހައްޤެއް ލިބިގެންދާނެ. އެހެންވީމާ އޭގެ ތެރޭގައި މިހާރު ބޭރު މީހުންނަށް ހުޅުވާލެވިފައިނުވާ އެތަށް ވިޔަފާރިއެއް ޗައިނާގެ ވިޔަފާރިވެރިންނަށް ހުޅަވާލެވިގެންދާނެ. ހާއްސަ ގޮތެއްގައި ރީޓެއިލް ވިޔަފާރި، އަދި ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރި، އަދި މިހެންގޮސް މިހާރު މުޅި ޖުމްލަކޮށް ހުޅުވާލެވިފައިނުވާ އެތައް ވިޔަފާރިއެއް ޗައިނާގެ މީހުންނަށް ހުޅުވިގެންދާނެ،" ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.
ރައީސް މުހައްމަދު ނަޝީދު ވިދާޅވީ މިފަދަ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ވިޔަފަރިތައް ބަނގުރޫޓްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އަދި ޗައިނާގެ ކުންފުނިތަކަށް ބޮޑު ކެޕިޓަލެއް ލިބިފައި، ލޯނުތައް ނެގުމަށް ފަސޭހަވުމާ އެކު އެ ޤައުމުގެ ވިޔަފާރިވެރިން ފަސޭހަކަމާ އެކު އައިސް މި ޤައުމުގައި ވިޔަފަރިތައް ފަށާނެ ކަމަށާއި، އެކަމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތައް އެއްކޮށް ހަލާކުވެގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަ ތަނުގައި ޗައިނާ މުދާ ރާއްޖޭގެ ބާޒާރުގައި އަގު ހެޔޮވީމާ އެހެން ޤައުމތަކުގެ މުދާ ރާއްޖޭގައި ވިކޭ މިންވަރު މަދުވެގެންދާނެ. އެހެން ޤައުމުތަކުގެ މުދާ ވިކޭ މިންވަރު މަދުވީމާ، އެހެން ޤައުމުތަކުން މުދާ އެތެރެކުރާ މިންވަރު ވެސް މަދުވެގެންދާނެ. އެހެންވީމާ މުޅި ޖުމްލަ ޑިއުޓީގެ ގޮތުގައި ލިބޭ އާމްދަނީ އަހަރަކުން އަހަރަށް މަދުވެގެންދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.