ހުކުރު ނަމާދަށް ފަހު ދުއާކުރަނިކޮށް، ހައްޔަރުކުރި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ ބައްޕަ، މުހައްމަދު ހައްސާނުގެ މައްޗަށް ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ތުހުމަތުކޮށްފިއެވެ.
ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ތުހުމަތުކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 615 މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރުގެ ދަށުންނެވެ. މި ތުހުމަތުގެ އިތުރުން ގާނޫނުގައި ވަކިގޮތަކަށް ކުރުމަށް ކަނޑައަޅާފައިވާ ވިޔާފާރިއެއް ހުއްދަ ނުހޯދައި ކުރުމުގެ ތުހުމަތު ވެސް ހައްސާނުގެ މައްޗަށް ކޮށްފައިވެއެވެ. މި ތުހުމަތު ކޮށްފައި ވަނީ ގާނޫނުލްއުގޫބާތުގެ 613 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. އަދި ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގެ (ރ) ގެ ދަށުން އިސްލާމް ދީނާއި އިދިކޮޅު އަމަލެއް ހިންގުމުގެ ތުހުމަތު ކޮށްފައިވާއިރު ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގެ (ރ) އަކީ ގާނޫނުލްއުގޫބާތުގައި އޮންނަ އަކުރެއް ނޫނެވެ.
ހައްސާނުގެ ގާނޫނީ ވަކީލު ތޯހާ މުހައްމަދު ވަނީ ރާއްޖެއެމްވީއަށް މިކަން ކަށަވަރުކޮށްދެއްވާފައެވެ.
މުހައްމަދު ހައްސާނުގެ މައްޗަށް މި ތުހުމަތުތައް ކުރެވިފައިވާއިރު ބަދުދުއާ ކުރި ކަމަށް ބުނެ ބުރާސްފަތި ދުވަހު އޭނާ ވަނީ ފުލުހުންގެ އިދާރާ އަށް ވެސް ހާޒިރުކޮށްފައެވެެ. މީގެ ކުރިން ވެސް ބަދުދުއާ ކުރުމުގެ ތުހުމަތުގައި ބައެއް އެކްޓިވިސްޓުން ހާޒިރުކޮށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައި ވެއެވެ. އެގޮތުން ރ. އަލިފުށި ހަޒާރީގެ ހަސަން އަހުމަދު ހައްޔަރުކުރި މައްސަލައިގައި ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ކަނޑައަޅާފައެވެ. އެ އޮފީހުން މިގޮތަށް ނިންމި ފަހުން، ދުއާ ކުރަމުން ދަނިކޮށް މީހަކު ހައްޔަރުކޮށް ހުއްޓުވި މިއީ ފުރަތަމަ ފަހަރެވެ.