ރާއްޖެ އާއި ޗައިނާއާ ދެމެދު ވެވުނު އެއްބަސަވުންތަކުގެ ސަބަބުން ރާއްޖޭގައި ތަރައްޤީގެ އާ މަޝްރޫޢުތަކެއް ހިންގުމަށް ފުރުޞަތު ހުޅުވިގެން ދާނެ ކަމަށާއި، މި މަޝްރޫޢުތަކުގައި އިންވެސްޓްކުރަން ޝައުގުވެރިވާ ކަމަށް ޗައިނާގެ ބޭންކްތަކުން ބުނެފި އެވެ.
ޗައިނާގެ ބޭންކްތަކުގެ އިސްވެރިން އެފަދައިން ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވަސާގައި ދިވެހި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފްދެއް، ޗައިނާގެ ބޭންކްތަކުގެ އިސް ވެރިންނާ މިއަދު ހެނދުނު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހި ވަފްދުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު ނަޞީރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް، އިކޮނޮމިކް ރިލޭޝަންސް މުޙައްމަދު ލުވެއިޒާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް އިބްރާހީމް އިމްޖާދު ޖަލީލެވެ.
މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ޗައިނާގެ ބޭންކްތަކުގެ ތެރޭގައި އައިސީބީސީ ބޭންކާއި، އެގްޒިމް ބޭންކާއި، ސީޑީބީ ބޭންކާއި، ބީއޯސީއޯއެމް ބޭންކުގެ އިސްވެރިން ހިމެނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ވަފްދުން ވަނީ ޗައިނާގެ މި ބޭންކްތަކަކީ މިހާރު ވެސް ރާއްޖޭގައި ހިންގާ ބޮޑެތި ބައެއް މަޝްރޫޢުތަކުގެ މާލީ ބައިވެރިންކަމުގައި ފާހަގަކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ޗައިނާގެ ބޭންކްތަކުގެ އިސްވެރިންނަށް ރާއްޖޭގެ މާލީ ބާޒާރުގައި ހުރި ފުރުޞަތުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރާއްޖޭގެ ވަފުދުން ޙިއްޞާކުރެއްވި ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ޗައިނާގެ ބޭންކްތަކުގެ އިސްވެރިން ވަނީ ރާއްޖޭގައި ހިންގާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގައި ޗައިނާ ކުންފުނިތަށް ހިމެނުމަކީ އެބޭފުޅުން ވަރަށް އުފާކުރައްވާ ކަމެއް ކަމުގައި ވިދާޅުވެ، ރާއްޖެ އާއި ޗައިނާއާ ދެމެދު މިވެވުނު އެއްބަސަވުންތަކުގެ ސަބަބުން ރާއްޖޭގައި ތަރައްޤީގެ އާ މަޝްރޫޢުތަކެއް ހިންގުމަށް ފުރުޞަތު ހުޅުވިގެން ދާނެކަން ފާހަގަކުރައްވާފައި ކަމަށެވެ. އަދި މި މަޝްރޫޢުތަކުގައި އިންވެސްޓުކުރަން ޝައުގުވެރިވާކަން އެބޭފުޅުން ފާޅުކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ޗައިނާއަށް ކުރައްވާ ފުރަމަނާ ދަތުރުފުޅުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދުގައި ރަސްމީ މަޝްވަރާތައް ވަނީ ބާއްވާފައެވެ. އަދި މިނިވަން ވިޔަފާރި އާއި އެ ނޫން ވެސް އެތައް އެއްބަސްވުންތަކެއްގައި ވަނީ ދެ ގައުމުން ސޮއިކޮށްފައެވެ.