ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ ބައްޕަ މުހައްމަދު ހައްސާން ބަންދުކޮށްފައި ވަނީ ހުރިހާ ހަމަތަކާއި ހިލާފަށް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މަހްލޫފްގެ ބައްޕަ، ހައްޔަރުކޮށް ފުލުހުންގެ ބަންދަށް ގެންގޮސްފައި ވަނީ ހުކުރު ދުވަހު (މިއަދު) ހުކުރު ނަމާދަށް ފަހު ދުއާކުރުމަށް އިސްލާމީ މަރުކަޒުގައި ހުއްޓަ އެވެ. މީގެ ކުރިން ވެސް މަހުލޫފުގެ ބައްޕަ ދުއާކުރުމުގެ ސަބަބުން ހައްޔަރުކޮށް، ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާންތައް ވެސް ނަގާފައި ވެއެވެ.
މަހުލޫފްގެ ބައްޕަ ހައްޔަރުކޮށް، ބަންދުކުރުމާ ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، މަހްލޫފްގެ ބައްޕަ ހައްޔަރުކޮށްފައި ވަނީ ހުރިހާ ހަމަތަކެއްގެ ބޭރުން ކަމަށާއި، މިހާރުން މިހާރަށް މަހްލޫފްގެ ބައްޕަ ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.
ދުއާކުރުމާ ގުޅިގެން ބުރާސްފަތި ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، މުހައްމަދު ހައްސާންނާއި ސުވާލުކޮށްފައިވާއިރު، ފުލުހުންގެ އިދާރާއިން ނިކުމެ ރާއްޖެޓީވީއަށް މައުލޫމާތުދެމުން ބުނީ، އޭނާ އެއްވެސް މީހެއްގެ މައްޗަށް ބަދު ދުއާ ނުކުރާ ކަމަށާއި، އޭނާ ދުއާކުރަންޖެހޭ ތަނަކާއި، ދުއާކުރާނެ ގޮތެއް އެނގޭނީ ރައީސުލްޖުމްހޫރިއްޔާއަށް ނޫން ކަމަށެވެ. އަދި ކިތަންމެ ވަރަކަށް ހައްޔަރުކޮށް، ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ނަމަވެސް ހިތްވަރަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އޭނާ ބުންޏެވެ.