ފ. މަގޫދޫގައި އިދިކޮޅު ފަރާތްތަކުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައި ބައިވެރިވުމުގެ ގޮތުން އެ އަތޮޅުގެ ބިލެތްދޫއިން ފަތާފައި ދާން އުޅުނު މީހަކު މަރުވެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ އެ ރަށު ސާމަރާމަންޒިލް، އިބްރާހިމް ނާހިދު ކިޔާ މީހެކެވެ.
ފަތާފައި މަގޫދޫއަށް ދިޔަ މަގުމަތީގައި އޭނާގެ ހާލު ދެރަވާތީ މޫދުން ނަގައިގެން ބިލެތްދޫ ސިއްހީ މަރުކަޒަށް ގެންދިޔަތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އޭނާ މަރުވެފައިވާ ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާއަކީ އެއްވެސް ވަރެެއްގެ ސިއްހީ މައްސަލައެއް ހުންނަ މީހެއް ނޫން ކަމަށާއި އޭނާއަކީ ވަރަށް ފިޓް މީހެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އޭނާއަކީ ފީނާ އުޅޭ މީހެއް ކަމަށާއި އެހެން ނަމަވެސް މިއަދު ކުޑަ ތަންކޮޅަކަށް ދެވުނު ތަނުން އޭނާއަށް އުނދަގޫވާ ވާހަކަ ބުނުމުން ލޯންޗަށް އަރުވައިގެން ގެންދިޔައީ ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވެއެވެ. ތިން މޭލެއްހާ ދުރުގައި އޮތް މަގޫދޫ އަށް 40 ވަރަކަށް ޒުވާނުން ފަތާފައި ދިޔަ އިރު އެ މީހުންގެ ކަންކަން ގާތުން ބެލުމަށް ދެ ދޯންޏަކާއި ލޯންޗެއްގެ އިތުރުން އިތުރު ޑިންގީއެއް ހަރަކާތްތެރިވިއެވެ. އޭނާ ފިޔަވައި އެހެން މީހުން ވަނީ ގަޑިއެއްހާއިރުގެ ތެރޭގައި ފަތާފައި މަގޫދޫ އަށް ގޮސްފައެވެ.
މި ހަރަކާތަކީ ބިލެތްދޫގެ ޒުވާނުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ.