ހުކުރު ނަމާދަށް ފަހު ދުއާކުރަނިކޮށް, ރައްޔަތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ ބައްޕަ މުހައްމަދު ހައްސާން އަނެއްކާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މުހައްމަދު ހައްސާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، މިވަގުތު އިތުރު ތަފްސީލް ދެވެން ނެތް ކަމަށެވެ.
އިސްލާމީ މަރުކަޒުގައި ދުއާކުރަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ހައްސާން ގެންގޮސްފައިވާއިރު، ބުރާސްފަތި ދުވަހު އޭނާ ވަނީ ފުލުސް އޮފީހަށް ގެންގޮސް ސުވާލުކޮށްފައެވެ.
ބުރާސްފަތި ދުވަހު ހައްސާން ފުލުސް އޮފީހަށް ގޮސް ސުވާލުކޮށްފައި ވަނީ ޑިސެމްބަރު އެއް ވަނަ ދުވަހު ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގެ ގޯތި ތެރޭގައި ހައްސާން އިސްވެ ހުރެ ދައުލަތުގެ އިސްވެރިންގެ މައްޗަށް ބަދުދުއާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ.
ބުރާސްފަތި ދުވަހު ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު ނުކުމެ ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ހައްސާން ބުނީ، ދުޢާ ކުރާނެ ތަނަކާއި ކުރާނެ ދުޢާއެއް އެނގިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ނޫން ކަމަށެވެ. އަދި އެ ދައްކާ ބިރަށް އެންމެ އިންޗިއެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.
ހައްސާންގެ މައްޗަށް ތުހުމަތުކުރަނީ، ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ 6 ވަނަ ނަމްބަރުގެ ދަށުންނެވެ. އޭގައި ބުނަނީ، ޖާއިޒު މަގުސަދެއް ހާސިލު ނުވާނެ އަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީ ގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަ ފަދަ ހާލަތެއް އުފެއްދުމެވެ. މިއީ ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން މި ކުށް ހައްސާނުގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެއް މަހާއި ހަ ދުވަހުގެ ޖަލުހު ކުމެއް އަންނާނެއެވެ.
ހުކުރު ދުވަހުގެ ދުޢާގެ ތެރެއިން މަހްލޫފްގެ ބައްޕަ ހައްޔަރުކުރި ނަމަވެސް އެ ތަނުގައި އެހެން ގިނަ ބަޔަކު ވެސް ވަނީ އަނިޔާވެރިކަމުން މިންޖުކުރެއްވުމަށް އެދި ދުޢާ ކޮށްފައެވެ.