ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފ.މަގޫދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި ބައިވެރިވުމަށް ދިޔަ ވަފުދަށް އެ ރަށުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މިދިޔަ ހަފްތާގެ ހުކުރު ދުވަހު ބާއްވަން ހަމަޖައްސާފައި އޮތް މި ޖަލްސާ މި ހަފްތާގެ ހުކުރު ދުވަހަށް ލަސްވީ މިދިޔަ ހަފްތާގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސާރައާއި ގުޅިގެންނެވެ. ގުޅިފައިވާ ޕާޓީތަކުން ބުނެފައިވާ ގޮތުގައި މި ޖަލްސާ ވެގެންދާނީ ބޮޑު ޖަލްސާއަކަށެވެ.
ދާދިފަހުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ ތިނަދޫގައި ވެސް ބޮޑު ޖަލްސާއެއް ބާއްވައިފަ އެވެ. ސަރުކާރުގެ ހުރަސްތަކާ އެކު ވެސް ތިނަދޫގައި ބޮޑު ޖަލްސާއެއް ބޭއްވި އިރު، ސަރުކާރުން ބިރުދެއްކި ނަމަވެސް މަގޫދޫ ޖަލްސާއަކީ ވެސް ބޮޑު ޖަލްސާއަކަށް ވެގެންދާނެ ކަމަށް ޕާޓީތަކުން ބުނެ އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަގޫދޫގައި މިރޭ ޖަލްސާއެއް ބާއްވާއިރު، ސިޔާސީ ޕާޓީތަކުން ވަނީ ޗައިނާއާ އެކު ސަރުކާރުން އެކުލަވާލި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ދެކޮޅަށް ބޮޑު ކެމްޕޭނެއް ފަށައިފަ އެވެ. އެ ކެމްޕޭނާ އެކު ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް އިތުރުކޮށް، އިހުތިޖާޖްތައް ވެސް ވަނީ އިތުރުކޮށްފަ އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނާ ގޮތުގައި ޗައިނާއާ އެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ގައުމުގެ މުޅި އިޤްތިސާދު ފުނޑާލުމަށް ވެފައިވާ އެއްބަސްވުމެކެވެ. އަދި އެ އެއްބަސްވުމުގެ ސަބަބުން ރާއްޖެ އަޅުވެތިކަމެއްގެ ތެރެއަށް ދާނެ ކަމަށް ސިޔާސީ ޕާޓީތަކުން ހާމަކުރެ އެވެ.