މަތީ ސާނަވީ އިމްތިހާނުގެ ޓެސްޓް ޕޭޕަރުތައް ލީކުވި ކަމަށް ބުނާ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފޯނުތައް ދޫކޮށްލައިފި އެވެ.
މަތީ ސާނަވީ އިމްތިހާނުގެ އިސްލާމް ޓެސްޓް ޕޭޕަރު ތައްޔާރުކުރި ޓީޗަރުންތަކެއް، ޕޭޕަރުގައި ހުރި ބައެއް ސުވާލުތަކާއި އޭގެ ޖަވާބު ދަރިވަރުންނަށް ކިޔައިދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި ފަސް ޓީޗަރެއްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
އެގޮތުން އޮކްޓޯބަރު މަހުގެ ތެރޭގައި ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ އިސްލާމް ޓީޗަރެއްގެ ފޯނާއި، ރެހެންދި ސްކޫލްގެ އިސްލާމް ޓީޗަރެއްގެ ފޯނާއި، ޣާޒީ ސްކޫލްގެ އިސްލާމް ޓީޗަރެއްގެ ފޯނާއި، އިފްތިތާހު ސްކޫލްގެ ޓީޗަރެއްގެ ފޯނުގެ އިތުރުން ގައުމީ ޔުނިވަރސިޓީގެ ލެކްޗަރާއެއްގެ ފޯނެވެ.
ކޯޓުން ނެރުނު ފުރަތަމަ އަމުރުގެ ދަށުން 30 ދުވަހަށް ފޯނުތައް ހިފެހެއްޓި އެވެ. އޭގެ ފަހުން، ފުލުހުންގެ ފޮރެންސިކް ޑިޕާޓްމެންޓުން ބޭނުންވެގެން އިތުރު 15 ދުވަހަށް ފޯނު ހިފަހެއްޓުމަށް ކޯޓުން ދެވަނަ އަމުރެއް ނެރުނެވެ. ފޯނުތައް ދޫކޮށްލާފައި މިވަނީ އެ އަމުރުގެ މުއްދަތު ހަމަވަމުންނެވެ.
އިސްލާމް ޓެސްޓް ޕޭޕަރުގެ މައްސަލައިގައި ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރި ޓީޗަރުންގެ މައްޗަށް ފުލުހުން ވަނީ، ޑިޕާޓްމެންޓް އޮފް އެގްޒިމިނޭޝަން ބަދުނާމު ކުރުމަށް ދޮގު ވާހަކަ ފެތުރުމުގެ ތުހުމަތުކޮށްފަ އެވެ.
މީގެ އިތުރުން، ގާނޫނުގައިވާ ގޮތުގެ މަތިން އަދާ ކުރަން ޖެހޭ ޒިންމާއެއް އަދާނުކޮށް ދޫކޮށްލުން ނުވަތަ ގާނޫނުގައި ހުއްދަކޮށްފައި ނުވާ ކަމެއް ކުރުމުގެ ކުށާއި، މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ ދައުލަތުގެ ސިއްރު މައުލޫމާތުތަކެއް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށާއި، އެ މައުލޫމާތުތައް ބޭނުންކޮށްގެން އެހެން މީހަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން އުޅުނު ކަމުގެ ކުށުގެ ތުހުމަތު ވެސް ކޮށްފައިވެއެވެ.