ޖަޕާނުގެ އެމްޕެރާރ އަކިހީޓީ ތަހުތުން ފައިބައި ވަޑައިގަންނަވާނެ ދުވަހެއް އެ ގައުމުގެ ސަރުކާރުން ކަނޑައަޅައިފިއެވެ.
އެ ގައުމުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭގެ ވަޒީރުންގެ މަޖިލީހުން ވަނީ 2019 ވަނަ އަހަރުގެ އެޕްރީލް މަހުގެ 30 ވަނަ ދުވަހު ތަހުތުން ފައިބައި ވަޑައިގަތުމަށް އެމްޕެރާރ އަކިހީޓޯ ނިންމެވި ނިންމެވުން ގަބޫލު ކުރައްވާފައެވެ.
އަބޭގެ ކެބިނެޓުން މި ނިންމުން ގަބޫލުކުރެއްވީ ޝާހީ އާއިލާގެ ކައުންސިލާއި އެ ގައުމުގެ ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅުންނާއި ވަރަށް ގިނަ މަޝްވަރާތަކެއް ކުރެއްވުމަށް ފަހުއެވެ. އަކިހީޓޯ ތަހުތުން ފައިބައި ވަޑައިގަތުމާއެކު އޭނާގެ އެންމެ ދޮށީ ދަރިކަލުން ޕްރިންސް ނަރުހީޓޯ ތަހުތަށް އަރާ ވަޑައިގަންނަވާނެއެވެ.
މިދިޔަ ޖޫން މަހު ޖަޕާންގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ގާނުނެއްގެ ދަށުން އަކިހީޓޯ ބޭނުންވާ ދުވަހަކުން އޭނާއަށް ތަހުތުން ފައިބައި ވަޑައިގަތުމުގެ ބާރު ދެވުނުއެވެ. މި ގާނޫނުގެ ސަބަބުން އަކިހީޓޯ ވެގެންދަނީ ވޭތުވެދިޔަ 200 އަހަރުތެރޭ އަމިއްލަ ނިންމެވުމަށް ތަހުތުން ފައިބައި ވަޑައިގަންނަވާ ޖަޕާނުގެ ފުރަތަމަ އެމްޕެރާއަށެވެ. މި ގާނޫނު ފާސް ކުރެވިގެންދިޔައީ 2016 ވަނަ އަހަރުގެ ތެރޭ ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖެއްގައި ތަހުތު ދޫކޮށްލައްވަން ބޭނުންވާ ވާހަކަ އަކިހީޓޯ ހާމަކުރެއްވުމުންނެވެ.
އަކިހީޓޯ ތަހުތުން ފައިބައި ވަޑައިގަތުމުގެ ކަންކަން ވަރަށް ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރެވިގެން ދާނެއެވެ. އެގޮތުން މި ކަންކަން ކުރިޔަށް ގެންދިޔުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާނީ އެ ގައުމުގެ ކެބިނެޓް ސެކްރެޓަރީ ޔޮޝީޑޭ ސޫގާއެވެ.
އަކިހީޓީ ތަހުތަށް އަރާވަޑައިގެންނެވީ 1989 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުއެވެ. އުމުރުން 83 އަހަރުގެ އަކިހީޓޯ ތަހުތަށް އަރާވަޑައިގެންނެވީ އޭނާގެ ބައްޕަ ހިރިހިޓޯ ނުވަތަ އާންމު ނަމުންނަމަ އެމްޕެރާ ޝޯވާ ނިޔާވުމާއި ގުޅިގެންނެވެ. އަކިހީޓޯ ވެގެންދިޔައީ ޖަޕާނުގެ 125 ވަނަ އެމްޕެރާ އަށެވެ.
ޖަޕާނުގެ ސަރުކާރުގެ ކަންކަން ރޭވިފައިވާ ގޮތުން އެ ގައުމުގެ އެމްޕެރާއަށް އެއްވެސް ބާރެއް ދެވިފައެއް ނުވެއެވެ. އެމްޕެރާ ބެލެވިފައިވަނީ މީހުންގެ މެދުގައި އޮންނަ ގުޅުމާއި ސަރުކާރު ރަމްޒުކޮށްދޭ ނިޝާނެއްގެ ގޮތުގައެވެ.
އަކިހީޓޯގެ ދަރިކަލުން ޕްރިންސް ނަރުހީޓޯ ތަހުތަށް އަރާވަޑައިގަންނަވާނީ 2019 ވަނަ އަހަރުގެ މޭ މަހުގެ އެއްވަނަ ދުވަހުއެވެ.