އައްސޭރި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއެއް މަރުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތުދޭ ގޮތުގައި މަރުވެފައިވަނީ ސ. ހިތަދޫ ހަވާސާ، އުމުރުން 31 އަހަރުގެ އިބްރާހިމް މުސްތާގު އެވެ.
ކަރެކްޝަނުގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާނު ވިދާޅުވީ މުސްތާގު މަރުވީ މޭ ދަށަށް ތަދެއް އަރައިގެން ކުރި ރިޕޯޓަކާ ގުޅިގެން ހިންމަފުށީ ސިއްހީ މަރުކަޒަށް ގެންދިޔަތާ މާގިނައިރުތަކެއް ނުވަނީސް ކަމަށެވެ.
"މޭ ދަށަށް ތަދެއް އަރައިގެން މުސްތާގު އުޅޭ ކަމަށް ބުނެ އެހެން ގައިދީއަކު ޑިއުޓީއިންނަށް ރިޕޯޓް ކުރީ ފަތިހު، ވަގުތުން ޖަލުގެ ޑޮކްޓަރަށް ދެއްކީމަ ބުނީ ސިއްހީ މަރުކަޒަށް ގެންދަން،" ލުގުމާނު ވިދާޅުވި އެވެ.
ހިންމަފުށީ ސިއްހީ މަރުކަޒުގެ ޑޮކްޓަރުންނާއި ހަވާލާދީ ކަރެކްޝަނުން ބުނާ ގޮތުގައި މުސްތާގު މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.
އައްސޭރި ޖަލުގައި އޭނާ ތަންފީޒު ކުރަމުންދިޔައީ ވައްކަމުގެ މައްސަލައެއްގައި އިއްވާފައިވާ ތިން އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. އޭނާގެ މައްޗަށް އެ ހުކުމް ކުރީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގަ އެވެ.