ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލާނެ ނިޒާމެއް ގާއިމު ކުރުމަށް ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދުވި އެއްބަސްވުމާއި މެދު ކުރީގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރު ޑރ. އަހުމަދު އަލީ ސަވާދު ސުވާލު އުފައްދަވައިފިއެވެ.
މި އެއްބަސްވުމާއި ގުޅިގެން ހުކުރު ދުވަހުގެ ވަގުތެއްގައި ސަވާދު ކުރެއްވި ޓްވީޓުގައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށް ﷲ ގަންދީ ހުވާކޮށް، ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރާއާއި އިނާޔަތްދޭ އެތަކެއް ސަތޭކަ ސިފައިން ރާއްޖޭގައި އެބަތިބި ކަމަށާއި އެހެންކަމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޗައިނާއިން ބަލަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
Raajjeyge kanduge sarahaddhu ‘belumah’ adhi balahatta himaayai kurumah Allah gandhi huvaa kohggen thibi ethakeh satheyka sifainnakah komme mahaku Raiyyithunge tax faisain musaaraya inaayah dhey. China in ekan kuranjeheni keevvetho? @MNDF_Official https://t.co/0mpJReuEfe
— ahmad ali sawad (@DrSawad) December 7, 2017
ސަވާދު މިހެން ވިދާޅުވެފައިވާއިރު 'ޖޮއިންޓް އޮބްޒަވޭޝަން ސްޓޭޝަންގެ ނަމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލާނެ ނިޒާމެއް ގާއިމުކުރުމަށް ޗައިނާ ސަރުކާރާއި ރާއްޖޭގެ ސަރުކާރާއި ދެމެދު ބުރާސްފަތި ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއެ ކޮށްފައެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއެ ކުރެއްވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށް މަރުކަޒެއް އެޅުމަށް އެއްބަސްވިއިރު މި އެއްބަސްވުމަކީ ޗައިނާގެ ރައީސްގެ 'ވަން ބެލްޓް، ވަން ރޯޑް' ގެ ދަށުން ހިނގާ 'މެރިޓައިމް ސިލްކް ރޫޓް' ގެ ތެރޭގައި ހިމެނޭ މަޝްރޫއެއް ކަމަށް ބެލެވެއެވެ. މި ސިލްކް ރޫޓަކީ އެއްގަމާއި ކަނޑު އަދި ވައިގެ މަގުން ޗައިނާއާއި އެހެން ގައުމުތަކާއި ގުޅުވައިދޭ ވިޔަފާރީގެ މަޝްރޫއެކެވެ.
މި އެއްބަސްވުމުގެ ތަފްސީލު ރާއްޖޭގެ ސަރުކާރުން ހާމަކޮށްފައި ނުވާއިރު ދާދިފަހުން ރައްޔިތުންގެ މަޖިލީހުންވަނީ ޗައިނާއާއި ރާއްޖެއާއި ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމަށް ރުހުން ދީފައެވެ.