ނަސަންދުރަ ޕެލެސް ހުރި ބިމުގައި ޒަމާނީ ފެންވަރަށް ހޮޓަލެއް ތަރައްގީ ކުރަން ބަޔަކާ ހަވާލުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނިކޮށް، ނަސަންދުރަ ދިނުމުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން ތަހުގީގު ކުރަން ފަށައިފި އެވެ.
ނަސަންދުރަ ހުރި ބިން، އިތުރު ބިމަކާ އެކު 50 އަހަރަށް ކުއްޔަށް ދޫކުރީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.
ނަސަންދުރަ ބިން ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ހަވާލުކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަން ބޭފުޅެއް ކަމަށްވާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) ގެ ހިއްސާ އޮންނަ އެންޕީއެޗް އިންވެސްޓްމަންޓްސް އަށެވެ. އެ ކުންފުނިން ވަނީ އެ ހޮޓެލް ތަރައްގީ ކުރުމަށް ސްރީލަންކާގެ ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެންޕީއެޗް އިންވެސްޓްމެންޓްސްއަށް ނަސަންދުރަ ހުރި ބިން ކުއްޔަށް ދޫކުރި މައްސަލަ އޭސީސީއިން ތަހުގީގު ކުރަން ފަށާފައިވާއިރު، ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގު ނިންމާފަ އެވެ. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނަސަންދުރަ ދިން ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ޚިޔާނާތުގެ ދައުވާކުރުމަށް 2016 ވަނަ އަހަރުގެ ޖެނުއަރީ 3 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅާފައިވެއެވެ.
އޭސީސީއިން މައްސަލައިގެ ތަހުގީގު ފެށިއިރު، ފުލުހުން ތަހުގީގު ކޮށް ނިންމި މައްސަލައިގައި އަދީބުގެ މައްޗަށް ދައުވާ އުފުލާފައިނުވެ އެވެ. އަދި އެކަމާ ގުޅޭގޮތުން ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެއްވެސް ބަހެއް ނުބުނެ އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ހަފްތާގެ ތެރޭގައި އޭސީސީގެ އޮފިޝަލުން ވަނީ ދޫނިދޫއަށް ގޮސް ނަސަންދުރައިގެ މައްސަލައިގައި އަދީބުއާ ސުވާލުކޮށްފަ އެވެ. އޭސީސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ނަސަންދުރަ ދިނުމުގެ މައްސަލަ އެ ކޮމިޝަނުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ މައްސަލަ ފެންމަތިވުމުން، ނަސަންދުރަ ދިން ގޮތާ މެދު އޮޑިޓަރ ޖެނެރަލް ސުވާލު އުފެއްދެވި އެވެ. ސަރުކާރަށް އެއްވެސް ފައިސާއެއް ނުދައްކައި އޭގެ ބަދަލުގައި ސީއެސްއާރު ކޮމްޕޯނަންޓެއް ހިމަނައިގެން އެ ބިން ދިގު މުއްދަތަކަށް ދިން އިރު، ސީއެސްއާރާއި ގުޅޭ އެއްވެސް ތަފުސީލެއް ހިމަނާފައި ނުވާތީ، އެއްބަސްވުމާ މެދު ގޮތެއް ނިންމަން އޮޑިޓަރ ޖެނެރަލް ސަރުކާރަށް ލަފާ ދެއްވާފައިވެއެވެ.
ނަސަންދުރަ ބިމުގައި 25 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، އޮޑިޓަރ ޖެނެރަލް ޖެނެރަލް ފާހަގަކުރެއްވި ކަންތައްތަކާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އޮޑިޓަރ ޖެނެރަލް ތައްޔާރުކުރެއްވި ހާއްސަ އޮޑިިޓްގައި ބުނެފައިވާ ގޮތުގައި ކުރިން އޮތް ނަސަންދުރައިގެ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީއިން 2015 ވަނަ އަހަރުގެ ޖެނުއަރީ 27 ގައި ބާތިލްކޮށް، ހަމަ އެ ދުވަހު ނަސަންދުރައިގެ ބިމާއި އެތަނާ ޖެހިގެން ކުރިން އައިލެންޑް އޭވިއޭޝަން ސަރވިސަސް ހިންގި ހ. އޯކިޑް ލޮޖްގެ ބިން ވެސް އެމްއެމްޕީއާރުސީ އަށް ދިނުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީން ސޮއިކުރި އެވެ.