ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމް، ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގއާއި އެމަނިކުފާނުގެ އަނބިކަނބަލުން ޕެންގް ލިޔުއާން، ރައީސް ޔާމިންގެ ދެކަނބަލުންގެ ޝަރަފުގައި ބުރާސްފަތި ދުވަހު ހަވީރު ފުރަމާނަ ޖާފަތެއް ދެއްވައިފިއެވެ.
ރައީސް ޔާމިންގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް ޔާމިން ޗައިނާއަށް ކުރައްވާ ފުރަމަނާ ދަތުރުފުޅުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ރަސްމީ މަޝްވަރާ ބައްދަލުވުންތައް ވަނީ ބާއްވާފައެވެ. މީގެއިތުރުން ދެޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ސޮއި ކުރައްވާފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރި އާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ފުޅާ ކުރެއްވުމާއި، ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް އިތުރު ކުރިއެރުންތައް ހޯދުމާއި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ފަދަ މުހިންމު އެއްބަސްވުންތައް ހިމެނެއެވެ. މީގެއިތުރުން މިދަތުރުފުޅުގައި ރައީސް ޔާމިން، ޗައިނާގެ އިސްވެރިންނާއި ބައްދަލު ކުރައްވާ ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ އަދި އިޖްތިމާޢީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމާމެދު މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.