ގައުމުގައި ރިޔާސީ އިންތިހާބެއް ބާއްވާނެތޯ ނުވަތަ ނޫންތޯ އެއީ އެހެން ސުވާލެކެވެ. އެއިންތިހާބު މިނިވަން ނުވާނެޔޭ ނުވަތަ ސަރުކާރުގެ ނުފޫޒު އިންތިހާއަށް އޮންނާނެޔޭ ބުނެ އިންތިހާބަށް އިދިކޮޅު ފަރާތްތަކުން ފުރިހަމައަށް ތައްޔާރުވާން ފަށަންޖެހޭނެއެވެ.
ގައުމުގެ މިވަގުތުގެ ހާލަތަށް ބަލާއިރު ސިޔާސީ ގޮތުން ބުރަދަން ހުރި މުހިންމު ދެ ލީޑަރުން އެތިއްބެވީ ގައުމުން ބޭރުގައެވެ. އެއްބޭފުޅަކީ ރައީސް މުހައްމަދު ނަޝީދެވެ. އަނެއް ބޭފުާޅަކީ ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްއެވެ. އެއިން ބޭފުޅަކު ރާއްޖެވަޑައިގެން އިންތިހާބަށް ލަސްކަރު ތައްޔާރު ކުރެއްވުމުގެ ފުރުޝަތު އަދިވެސް ލިބިވަޑައެއް ނުގަންނަވައެވެ.
ރަގަޅު ވާހަކައެކެވެ. ސޯސަލްމީޑިއާގައި ފެތުރޭ ފޮޓޯތަކާ، ވާހަކަތަކުން ރައީސް ނަޝީދުގެ ނަންފުޅު ރިޔާސީ އިންތިހާބުގެ ކެނޑިޑޭޓުންގެ ލިސްޓުގައި އޮންނާނެ ކަމަށް އެބަބުނެއެވެ. އެއީ ނުވުމަށް ވުރެ ވުންގާތްކަމެކެވެ. ގާސިމް އިބުރާހިމާމެދު އެއްޗެއް ދަންނަވާކަށް ނޭންގެއެވެ.
ރައީސް ނަޝީދު ހުންނެވީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައޭ ، އެމަނިކުފާނާ މެދު އުންމީދެއް ނެތޭ ބުނާ ބަޔަކު އެބަތިއްބެވެ. އަދި ރައީސް ނަޝީދުގެ ބަދަލުގައި އާ ބޭފުޅެއް އިންތިހާބަށް ނެރުން މުހިންމުކަމަށް ބުނާ ބަޔަކުވެސް އެބަތިއްބެވެ.
ރަގަޅަށް ވިސްނަވާށެވެ. ރައީސް ނަޝީދަށް މުޅިރާއްޖެއިން ލިބިވަޑައިގެންފައި އޮތް ތާއީދާއި އެއްވަރަށް ތާއީދު ލިބިވަޑައިގަންނަވާނެ އެހެން ނަމެއް އަދި ނުފެނެއެވެ. ރައީސް ޔާމީނަށް ވެސް އެކަން ޔަގީންވެ ވަޑައިގަންނަވާނެއެވެ. ރައީސް ނަޝީދާ މެދު ސިޔާސީ ގޮތުން އަޅާ ފިޔަވަޅެއް މިސަރުކާރުން އަޅާނަމަ އަޅާނީ އެމަނިކުފާނުގެ ތާއީދު ބޮޑު ކަމުން ކަމަށް ބުނާ ބަޔަކު މަދެއް ނޫނެވެ.
ރައީސް ނަޝީދު ހުންނެވީ ޖަލު ހުކުމެއް ތަންފީޒު ކުރަންޖެހިވަޑައިގެންފައި ކަމަށާ އެހެން ބޭފުޅަކު ރިޔާސީ ރޭހަށް ނިކުންނެވުމަށް ލަފާ ދޭ ބޭފުޅުންނަށް މަގުމަތިން ދޭ ޖަވާބެއް އޮވެއެވެ. އެ ޖަވާބުގައި ބުނަނީ ރައީސް ޔާމީނާ ވާދަކުރައްވައި ނަތީޖާ ބަދަލު ކޮށްލާނެ ފަދަ އެހެން ކެނޑިޑޭޓެއް ނެރުނު ނަމަވެސް އެބޭފުޅަކަށް ވެސް ނަޝީދަށް އިއްވިފަދަ ހުކުމެއް އިއްވައިފާނެ ކަމުގެ ތުހުމަތު ކުރެވޭ ކަމަށެވެ.