ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުއްވައިލައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށް ވެސް އެ އިއުލާންގައި ބުނެފައިވެއެވެ.
އެންއައިސީގެ މެމްބަރުކަމުގެ ގޮނޑިއެއް ހުސްވެފައިވަނީ، އެންއައިސީގެ ރައީސްގެ މަޤާމުގައި ހުންނެވި ޔޫސުފް މާނިއު މަޤާމުން ވަކިކުރެއްވުމާއި ގުޅިގެންނެވެ. އެންއައިސީގެ މާނިއު ރައީސްގެ މަގާމުންނާއި މެމްބަރުކަމުގެ މަގާމުން ވަކިކޮށްފައި މިވަނީ އެންއައިސީން ކުރިއަށް ގެންދާ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސްވެރިންގެ ފަރާތުން އެއްބާރުލުން ލިބެމުން ނުދާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.