ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ޗައިނާގެ ސްކޫލެއް ކަމަށްވާ ބެއިޖިންގ ޒިޝުކޫ އެލިމެންޓަރީ ސްކޫލަށް ޒިޔާރަތް ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބެއިޖިންގ ރިޝުކޫ އެލިމެންޓަރީ ސްކޫލަށް ޒިޔާރަތް ކުރެއްވުމުން އެ ސްކޫލުގެ ފަރާތުން ހޫނު މަރުހަބާއެއް ދަންނަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މި ޒިޔާރާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ބެއިޖިންގ ޒިޝުކޫ އެލިމެންޓަރީ ސްކޫލު ބައްލަވާލައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެގައުމުގައި ދިރިއުޅުއްވާ ދިވެހި އާއިލާތަކާއި ދިވެހި، ކިޔަވާ ކުދިންނާ ބުދަ ދުވަހުގެ ރޭގައި ވަނީ ބައްދަލު ކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.
ދިވެހިރާއްޖެއާއި ޗައިނާގެ އިސްވެރިންގެ މެދުގައި މަޝްވަރާތައް ބޭއްވުމަށާއި، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ޗައިނާ ސަރުކާރާއި ދެމެދުގައި ރަސްމީ މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރިތާ 45 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ހަފްލާގައި ރައީސް އަބްދުﷲ ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމް ބައިވެރިވެ ވަޑައިގެންނެވި އެވެ. ބެއިންޖިންގ ލެޖެންޑޭލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ދެގައުމުގެ ގުޅުން ފާހަގަކުރުމުގެ ގޮތުން ތައްޔާރުކުރެވިފައިވާ ހާއްސަ ސްޓޭމްޕް ސެޓެއް ވެދުން ކުރައްވާފަ އެވެ. މި ސްޓޭމްޕް ސެޓާއި ހަވާލުވެފައިވަނީ ވައިސް ޗެއާމަން އޮފް ދަ ނެޝަނަލް ޕީޕަލްސް ކޮންގްރެސްގެ ޝެން ޔޫޔޫ އާއި އެެވެ.