ރާއްޖޭގައި މިހާރު ޗައިނާއިން ހިންގާ ޕްރޮޖެކްޓްތަކަކީ ޗައިނާގެ ރައީސް ޝީޖިންގްޕިންގްގެ އިސްނެންގެވުމަކަށް ކުރިއަށްގެންދާ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ޕްރޮޖެކްޓްގެ ބޭނުމަށް ހިންގާ ޕްރޮޖެކްޓްތައް ކަމަށް ޗައިނާގެ މުހައްލިލުން ބުނެފިއެވެ.
ސައުތު ޗައިނާ މޯނިން ޕޯސްޓަށް ދިން އިންޓަރވިއުއެއްގައި ޝަންހާއީ އެކަޑަމީ އޮފް ސޯޝަލް ސައިންސަސްގެ އިންސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް ރިލޭޝަންސްގެ މުހައްލިލެއް ކަމަށްވާ ހޫ ޒިޔޯންގާ ހަވާލާދީ ބުނެފައިވަނީ ހުޅުމާލޭ ތަރައްޤީކުރުމުގެ މަޝްރޫޢަކީ ވެސް ބެލްޓް އެންޑް ރޯޑް އިނީޝީއޭޓިވްގެ ބައެއްގެ ގޮތުގައި ހިންގާ ޕްރޮޖެކްޓެއް ކަމަށާއި، މި ޕްރޮޖެކްޓްގެ ސަބަބުން ޗައިނާއަށް ފަސޭހަތައް ވާނެ ކަމަށެވެ.
މީގެ އިތުރުން އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާ ޗައިނާގެ އަސްކަރީ އަދި މަދަނީ އުޅަނދުފަހަރަށް ސަޕްލައިކުރާ ބަނދަރަކަށް ވެސް ރާއްޖެ ހެދޭނެ ކަމަށް އޭނާ ފާހަގަކުރިއެވެ. އިންޑިއާގެ ކަނޑުގެ ހަމަނުޖެހުން އުފެދިދާނެކަމުގެ އިންޒާރު އެކި ފަރާތްތަކުން ދެމުންދާއިރު، ޗައިނާ އާއި އިންޑިއާއިން ގެންދަނީ އިންޑިއާ ކަނޑުގައި އެ ދެ ޤައުމު ބާރު ގަދަކުރުމަށް މަސައްކަތްކުރަމުންނެވެ.
ޗައިނާގެ އިންވެސްޓްމަންޓްތައް ރާއްޖޭގެ ހުރިހާ ދިމާލެއްގައި ފުޅާވަމުންދާ ކަމަށް ދެ ސަރުކާރުން ވެސް ބުނާއިރު، ޗައިނާއިން ރާއްޖޭގައި އިންވެސްޓްކުރަނީ ހަމައެކަނި އެޤައުމަށް ފައިދާވާ ކަންކަމުގައެވެ. ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއަށް ފަސޭހަކުރުމަށް ހުޅުމާލެ އާއި މާލެ-ހުޅުލެ ބްރިޖްގެ މަޝްރޫޢު ކުރިއަށްގެންދާއިރު، ޗައިނާ އިން ދެން އިންވެސްޓްކޮށްފައި ވަނީ ބިން ހިއްކުމާއި ޓޫރިޒަމާ ގުޅުން ހުރި ދާއިރާތަކުގައެވެ. ޗައިނާއަކީ މިވަގުތު ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް މާކެޓެވެ. އެހެން ނަމަވެސް ޗައިނާ އިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވަމުންދާއިރު، ކުރިއަށް އޮތްތަނުގައި މިސިނާޢަތުގައި ޗައިނާއިން ރާއްޖޭގައި އިންވެސްޓްކުރާ މިންވަރު މަދުވާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
ޗައިނާއަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރައީސް އަބްދުﷲ ޔާމީން މިވަގުތު ޗައިނާއަށް ވަޑައިގެން އުޅުއްވާއިރު، މި ދަތުރުފުޅުގައި ވެސް ރާއްޖެ އާއި ޗައިނާއާ ދެމެދު ގިނަ އެއްބަސްވުންތަކެއް އެކުލަވާލާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.