ގުދުސްއަކީ އިޒްރާއީލުގެ ވެރިރަށުގެ ގޮތުގައި ގަބޫލުކުރުމަށް އެމެރިކާ އިން އަޅަމުންގެންދާ ފިޔަވަޅުތަކާ މެދު ކަންބޮޑުވާ ކަމަށް އަދާލަތު ޕާޓީން ހާމަކޮށްފި އެވެ.
މިކަމާ ގުޅޭ ގޮތުން އަދާލަތު ޕާޓީން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ، މުސްލިމުންގެ ފުރަތަމަ ގިބުލަ، ކަމުގައިވާ އަލް މަސްޖިދުލް އަގްސާ ހުންނަ ގުދުސްއަކީ އިޒްރާއީލުގެ ވެރިރަށުގެ ގޮތުގައި ގަރާރުކުރުމަށް އެމެރިކާއިން އަޅަމުންގެންދާ ފިޔަވަޅުތަކާ މެދު ހިތާމަކުރާ ކަމަށެވެ. އަދި މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އެޕާޓީން ހާމަކުރެ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބިލިޔަނަކަށް ވުރެ ގިނަ މުސްލިމުންގެ ދީނީ އަގީދާއާ ގުޅިފައިވާ މިފަދަ ނާޒުކު މައްސަލައެއްގައި ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ހަމައާއި އިންސާފުގެ ބޭރުން ބަޔަކު މީހުން ކުރަމުންގެންދާ ދައުވާއަކަށް ބާރުދިނުމަށްޓަކައި މުސްލިމުންގެ އަދި ވަކިން ހާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެވޭ ފަދަ ފިޔަވަޅުތަކެއް އެޅުމަކީ ދުނިޔޭގެ އެއްވެސް ގައުމަކަށް އަދި އެއްވެސް ޖަމާއަތަަކަށް ވެސް ލިބިގެންދާ ހައްގެއް ކަމުގައި އަދާލާތު ޕާޓީން ނުދެކޭ ކަމަށް މި ބަޔާނުގައި ބުނެފައިވެ އެވެ.
ހަމައާއި އިންސާފުގެ ބޭރުން ނުފޫޒު ގަދަ ގައުމުތަކުން ނިންމާ މިފަދަ ނިންމުންތަކުގެ ސަބަބުން ފަލަސްތީނާއި އިޒްރާއީލުގެ މެދުގައި ހަމަޖެހޭ ސުލްހަވެރި ހައްލެއް ހޯދުމަށް ބައިނަލްއަގްވާމީ މުޖުތަމައިން ކުރަމުންގެންދާ މަސައްކަތަށް ހުރަސްއެޅިގެންދާ ކަމަށް އަދާލަތު ޕާޓީން ހާމަކުރެ އެވެ.
މި މައްސަލައިގައި ދުނިޔޭގެ އެކި ގައުމުތަކުން، ވަކިން ހާއްސަކޮށް، އަރަބި އިސްލާމީ ގައުމުތަކުން ތަކުރާރުކޮށް ގޮވާލަމުންދާ ގޮވާލުންތަކަށް އިޖާބަދީ، ހަމަހަމަކަމާއި އަދުލުވެރިމުގެ އިމުން ނެއްޓިފައިވާ، މިފަދަ ނިންމުންތައް ބަދަލުކޮށް، ދެމެހެއްޓެނިވި، ސުލްހައަށް މަގުފަހިވާނެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް އަދާލަތު ޕާޓީން ވަނީ ގޮވާލާފަ އެވެ.
މާތްވެގެންވާ ގުދުސް އާއި އެ ބިމުގައިވާ އަލްމަސްޖިދުލް އަގްސާ އާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަޒުހަބީ އަދި މާއްދީ އެންމެހައި ބައިބައިވުންތަކާއި އަރައިރުންތައް އެއްފަރާތްކުރުމަށް ފަހު، ގުޅިގެން މަސައްކަތް ކުރުމަށް އެންމެހާ އިސްލާމީ ގައުމުތަކަށާއި ޖަމާއަތްތަކަށް އަދާލަތު ޕާޓީން ވަނީ ގޮވާލައްވާފަ އެވެ.
ހަމައެއާއެކު އިޒްރާއީލް ދައުލަތްތަކާ ގުޅިގެން ބައިނަލްއަގްވާމީ މުއައްސަސާތައް މެދުވެރިކޮށް މި މައްސަލަ ހައްލުކުރުމަށްޓަކައި ކުރެވެން ހުރި އެންމެހާ ކަންކަން ކުރުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށް އަދާލަތު ޕާޓީން ހާމަކުރެ އެވެ.