ޗައިނާއާ އެކު އެކުލަވާލާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓްގައި ސޮއި ކުރުމަކީ ޗައިނާ އަށް ރާއްޖެ ވިއްކާލުން ފަދަ ކަމެއް ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ފަލާހު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން އެއަރޕޯޓް ތަރައްގީ ކުރުމަށް ޖީއެމްއާރާ ހަވާލު ކުރުމުން އެއީ ރާއްޖެ ވިއްކާލުން ކަމަށް ބުނެ މިހާރު ސަރުކާރަށް ނިސްބަތްވާ ފަރާތްތައް ވާހަކަދައްކާފައިވާ އިރު، މިއަދު މިފެނިގެން ދަނީ މިނިވަން ވިޔަފާރީގެ ނަމުގައި ރާއްޖެ ޗައިނާއަށް ވިއްކާލާ މަންޒަރު ކަަމަށެވެ.
"ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އާދޭހާ އެކު ދަންނަވަން، މިކަން ހުއްޓުވަން ނިކުންނަން ޖެހޭ. ޗައިނާ ރައްޔިތުންނަށް ދިވެހިންނެކޭ އެއް ހަމައެއްގައި ވިޔަފާރި ކުރުމަށް މިގައުމުން ފުރުސަތު ދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން," ފަލާހު ވިދާޅުވި އެވެ.
ރާއްޖޭގެ ތަރައްގީއާ ގުޅިފައިވާ އެއްބަސްވުންތައް ފާސްކުރާ އިރު ރައްޔިތުންގެ ބަސް އެކަމެއްގައި ޝާމިލުކުރަންޖެހޭނެ ކަމަށާއި ރައްޔިތުންގެ ބަހާ ނުލައި މިފަދަ އެގްރީމެންޓްތަކުގައި ސޮއި ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ރައްޔިތުންނަށް ހެޔޮފުޅުކަމުން ވެރިޔަކަށް ހުންނަ މީހާ ކޮށްދޭ ކަމެއް ނޫން ކަމަށާއި އެއީ ކޮންމެހެންވެސް ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.