ކ. މާލެ
|
7 ޑިސެންބަރ 2017 | ބުރާސްފަތި 10:27
އަބާޗާގެ ފަސް އަހަރުގެ ވެރިކަމުގައި ފަސް ބިލިއަން ޑޮލަރު ނެންގެވި ކަމަށް ތުހުމަތުކުރެވޭ
އަބާޗާގެ ފަސް އަހަރުގެ ވެރިކަމުގައި ފަސް ބިލިއަން ޑޮލަރު ނެންގެވި ކަމަށް ތުހުމަތުކުރެވޭ
ސީ.އެން.އެން
އަބާޗާގެ ޚިޔާނާތް
ނައިޖީރިޔާގެ ކުރީގެ ރައީސް ވަގަށް ނެންގެވި ފައިސާ ސްވިޒަލޭންޑުން އަނބުރާ ދެނީ
ފައިސާ ބޭނުންކުރެވޭނީ ނައިޖީރިޔާގެ ތަރައްގީގެ ޕްރޮގްރާމްތަކަށް
އެ ފައިސާ ހޭދަކުރުމަށް ނިންމާފައި ވަނީ ވޯލްޑް ބޭންކްގެ ބެލުމުގެ ދަށުން

ނައިޖީރިޔާގެ ކުރީގެ އަސްކަރީ ލީޑަރު ސަނީ އަބާޗާގެ އާއިލާގެ އަތުން އަތުލާފައިވާ 321 މިލިއަނެއްހާ އެމެރިކާ ޑޮލަރުގެ ހަރުމުދާ އެ ގައުމާ ހަވާލުކުރުމަށް ސްވިޒަލޭންޑުން ނިންމައިފިއެވެ.

ސްވިޒަލޭންޑުން އެގޮތަށް ނިންމީ މިދިޔަ ހޯމަ ދުވަހު ވޯލްޑް ބޭންކާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.

އަބާޗާގެ ވެރިކަމުގައި ފަސް ބިލިއަނެއްހާ ޑޮލަރު އޭނާ ވަގަށް ނަގާފައިވާ ކަމަށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމްއިއްޔާ ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްއިން ތުހުމަތުކުރެއެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ނައިޖީރިޔާގައި 1993 އިން 1998 ގައި އަވަހާރަ ވުމާ ހަމައަށް ވެރިކަން ކުރައްވާފައި ވަނީ އަބާޗާއެވެ.

އަބާޗާގެ އާއިލާ އާއި ނައިޖީރިޔާ ސަރުކާރާ ދެމެދު 2014 ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުން އެ އާއިލާއިން ވަނީ އަބާޗާގެ ފިރެހެން ދަރިފުޅު އައްބާ އަބާޗާގެ މައްޗަށް އުފުލާ ދައުވާ އަނބުރާ ގެންދިއުމުން ބަދަލުގައި، ފްރީޒްކޮށްފައިވާ މުދަލާ ފައިސާ އަނބުރާ ދައުލަތަށް ދިނުމަށް އެއްބަސްވެފައެވެ.

އައްބާ އަބާޗާގެ މައްޗަށް 2005 ވަނަ އަހަރުގެ އޭޕްރީލްގައި ސްވިޒަލޭންޑުން ވަނީ މަނީ ލައުންޑަރިންގއާ ފްރޯޑް އަދި ފޯޖް ކުރުމުގެ ދައުވާ އުފުލާފައެވެ.

އޭނާގެ މައްޗަށް ދައުވާ އުފުލީ ޖަރުމަނުގައި ހުންނަވަނިކޮށް އެކްސްޓްރެޑިޝަންގެ ދަށުން ސްވިޒަލޭންޑަށް ގެންދިއުމަށްފަހުއެވެ. އެ ގައުމުގައި އޭނާ 561 ދުވަސް ވަންދެން ބަންދުގައި ބެހެއްޓިއެވެ.

އައްބާ އަބާޗާގެ ފައިސާ އާއި މުދާ ފްރީޒް ކުރުމަށް ލަގްޒަމްބަރގްއިން 2006 ވަނަ އަހަރު އަމުރުކުރިއެވެ.

އަބާޗާގެ އާއިލާއިން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ދައުލަތުގެ ފައިސާ ބޭނުންކުރާނެ ގޮތަކާ މެދު ވޯލްޑް ބޭންކާއި ސްވިޒަލޭންޑާއި، ނައިޖީރިޔާއިން އެއްބަސްވުމަކަށް އައިސްފައިވާއިރު ނިންމާފައި ވަނީ އެ ފައިސާއިން ނައިޖީރިޔާގައި ވޯލްޑް ބޭންކްގެ ބެލުމުގެ ދަށުން މަޝްރޫއުތައް ހިންގުމަށް ކަމަށް ސްވިޒަލޭންޑްގެ ސަރުކާރުން ބުނެއެވެ.

- ކޮމެންޓް