މެދުއިރުމައްޗަށް ސުލްހައި ގެނައުމަށް ބާއްވާ ސުލްހައިގެ ވާހަކަތަކުގައި މެދުވެރިއެއްގެ ރޯލު އެމެރިކާއަށް އަދާނުކުރެވޭނެ ކަމަށް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެއްޖެއެވެ.
ޢައްބަސް މިހެން ވިދާޅުވީ ޤުދުސްއަކީ އިޒްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާއިން ނިންމުމާ ގުޅިގެން، އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވަމުންނެވެ. ޢައްބާސް ވިދާޅުވީ އެމެރިކާގެ ނިންމުމަކީ ފަލަސްތީނުން ބަލައިގަންނަ ނިންމުމެއް ނޫން ކަމަށާއި، ޤުދުސްއަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ ވެރިރަށް ކަމަށެވެ. ޢައްބާސް ވިދާޅުވީ އެމެރިކާގެ ނިންމުމަކީ "އިޒްރާއީލަށް ދިން ހަދިޔާއެއް" ކަމަށާއި، މިއީ އިޒްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވަމުންދާ ދިޔުމަށް ދެވުނު އިތުރު ހިތްވަރެއް ކަމަށެވެ.
ޤުދުސްއަކީ އދ. އިން 1950ގެ ކުރިން ކަނޑައެޅި ޔަހޫދީ ދައުލަތުގެ ސަރަހައްދުގައި ހިމެނޭ ރަށެއް ނޫނެވެ. އަދި 1950 ވަނަ އަހަރު ހުޅަނގު ޤުދުސް ހިފުމަށް ފަހު 1967 ވަނަ އަހަރު އިޒްރާއީލުން ވަނީ އިރުމަތީ ޤުދުސް އާއި ހުޅަނގު އައްސޭރި ހިފާފައެވެ. އެހެން ނަމަވެސް ބައިނަލްއަޤްވާމީ މުޖްތަމައުން ދަނީ 1967 ވަނަ އަހަރުގެ ކުރިން އޮތް ހިސާބަށް ފަހަތަށް ޖެހުމަށް އިޒްރާއީލަށް ގޮވާލަމުންނެވެ.
ޢައްބާސް ވިދާޅުވީ ޓްރަމްޕްގެ ނިންމެވުމުގެ ސަބަބުން ޤުދުސްގެ މިލްކުވެރިކަމަށް ބަދަލެއް ނާންނާނެ ކަމަށާއި، އެރަށުގެ މައްޗަށް އިޒްރާއީލުން ވެރިވެގެން އޮތް އޮތުން ޤާނޫނީ ހަމަޔަކަށް ނުފެތޭނެ ކަމަށެވެ.
ޓްރަމްޕްގެ ނިންމެވުމާ ގުޅިގެން ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ޕީއެލްއޯގެ ސެކެޓްރީ ޖެނެރަލް ސާއިބު އުރައިޤާތު ވިދާޅުވީ ސުލްހައިގެ ވާހަކަތަކެއް ބޭއްވި ނަމަވެސް، އެވާހަކަތަކުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމުގެ ފުރުސަތު ޓްރަމްޕް ނަންގަވާލައްވައިފި ކަމަށެވެ. އަދި އިޒްރާއީލާއި ފަލަސްތީނުގެ މެދުގައި ސުލްހަ ޤާއިމްކުރުމުގެ ކިރިޔާވެސް އޮތް ފުރުސަތެއް މިހާރު އެގެއްލުނީ ކަމަށް އުރައިޤާތު ވިދާޅުވިއެވެ. އުރަޤާތު ވިދާޅުވީ ދެން އޮތީ ފަލަސްތީނުގެ ކުރީގެ ދައުލަތް އޮތް ސަރަހައްދުގައި ޔަހޫދީންނާއި އެއްހަމައެއްގައި ހައްޤުތައް ހޯދުމަށް ހަނގުރާމަކުރުން ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވެރިކަމަށް ވަޑައިގަތުމަށް ފަހު، އިޒްރާއީލް-ފަލަސްތީން މައްސަލަ ހައްލުކޮށް، މެދުއިރުމައްޗަށް ސުލްހަ ގެނައުމުގެ މަސައްކަތް، ދަރިކަނބަލުން އިވަންކާ ޓްރަމްޕްގެ ފިރިކަލުން ޖެރަރޑް ކުޝްނާއާ ހަވާލުކުރައްވާފައެވެ.