ކ. މާލެ
|
7 ޑިސެންބަރ 2017 | ބުރާސްފަތި 09:55
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އުރުދުންގެ ޢަބްދުﷲ ރަސްގެފާނާ އެކުގައި: މި ދެޤައުމަކީ ގާތް ދެޤައުމު
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) އުރުދުންގެ ޢަބްދުﷲ ރަސްގެފާނާ އެކުގައި: މި ދެޤައުމަކީ ގާތް ދެޤައުމު
ރޮއިޓަރސް
ޤުދުސްގެ މައްސަލަ
ޤުދުސްއަށް ޔަހޫދީން ވެރިވުން – އުރުދުން ވަކިން ބޮޑަށް ހިތްހަމަނުޖެހިފައި!
ޤުދުސްގެ މުޤައްދަސް ތަންތަން ބަލަހައްޓަނީ އުރުދުންއިން
އިޒްރާއީލުން 1967 ވަނަ އަހަރު އިރުމަތީ ޤުދުސްއަށް ވެރިވެގަތް އިރު އެރަށް އޮތީ އުރުުދުންގެ ކޮންޓްރޯލްގެ ދަށުގައި

ޤުދުސްއަކީ ޔަހޫދީ ދައުލަތް، އިޒްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިގަނެ، ތެލްއަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ޤުދުސްއަށް ބަދަލުކުރަން ނިންމުމާއި ގުޅިގެން އެކަމާއި އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ޤައުމަކީ އުރުދުންއެވެ. އުރުދުންއަކީ މެދުއިރުމަތީގައި އޮތް އެމެރިކާއަށް ވާގިވެރިވާ ޤައުމެކެވެ. އެހެންނަމަވެސް ޤުދުސްގެ މައްސަލައަކީ އުރުދުންއިން އާދައިގެ ގޮތަކަށް ދެކޭ ތަނެއް ނޫނެވެ.

ސަބަބުތައް ބައިވަރެވެ. އުރުދުންގައި ވެރިކަން ކުރަމުންވާ ޚާންދާނަކީ ހާޝިމީ ވަންހައެވެ. ކީރިތި ރަސޫލާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމަގެ މުނިކާފާފުޅު، ހާޝިމް އިބްން ޢަބްދު މަނާފުގެ ފުށުން ފެށިގެން އައި ހާޝިމީ ދަރިކޮޅަކީ ޢަރަބި ދުނިޔޭގައި ދާދި ފަހަކާ ޖެހެންދެން ވެރިކަން ކުރަމުން އައި އާއިލާއެކެވެ. އެހެން ނަމަވެސް ސަޢޫދީގައި މިހާރު ވެރިކަންކުރަމުން އަންނަ އަލްސަޢޫދު ޢާއިލާއިން ކުރީގެ ޙިޖާޒް ކަރަޔަށް ވެރިވެ، އެޤައުމުގެ ނަން އެމީހުންގެ އާއިލީ ނަމަށް ބަދަލުކޮށް، ޙަރަމްފުޅާއި މަސްޖިދުލްނަބަވީ އެމީހުންގެ ބެލުމުގެ ދަށަށް ގެންދިޔުމުން، ޙާޝީމީ ދަރިކޮޅަށް ބަލަހައްޓަން ލިބުނީ ހަމައެކަނި ބައިތުލްމަޤްދިސްއެވެ.

އދ. އިން 1947 ވަނަ އަހަރު އިޒްރާއީލް އެކުލަވާލިއިރު، ފަލަސްތީނުގެ ޢަރަބި ދައުލަތަށާއި، އިޒްރާއީލުގެ ޔަހޫދީ ދައުލަތަށް އިން ވަކިކޮށްދިން ނަމަވެސް، 1950 ވަނަ އަހަރު ޔަހޫދީން ހުޅަނގު ޤުދުސް ހިފައި، އެއީ އެމީހުންގެ ވެރިރަށުގެ ގޮތުގައި ހަމަޖެއްސިއެވެ. އަދި 1967 ވަނަ އަހަރުގެ ހަ ދުވަހުގެ ހަނގުރާމައިގައި ޔަހޫދީން އިރުމަތީ ޤުދުސްއަށް ވެރިވެ، މުޅި ޤުދުސްއަކީ އެމީހުންގެ ވެރިރަށުގެ ގޮތުގައި 1980 ވަނަ އަހަރު އިއުލާންކުރިއެވެ. އަދި 1967 ވަނަ އަހަރު ޔަހޫދީން އިރުމަތީ ޤުދުސްއަށް އެރިއިރު، އެރަށް އޮތީ އުރުދުންގެ ބާރުގެ ދަށުގައެވެ. އޭރު އުރުދުންގެ ރަސްކަލަކަށް ހުންނެވީ މިހާރުގެ ރަސްގެފާނު ޢަބްދުﷲގެ ބައްޕާފުޅު ހުސެން ރަސްގެފާނެވެ. އަދި ޔަހޫދީންގެ ފައުޖުތަކުން އިރުމަތީ ޤުދުސް އާއި ހުޅަނގު އައްސޭރި ހިފީ އުރުދުން އިން މިސްރާއި ސޫރިޔާއާއެކު ބައިވެރިވެ، އިޒްރާއީލާ ދެކޮޅަށް ތެދުވުމުންނެވެ. މިހަނގުރާމައިގައި އިޒްރާއީލުން މިސްރުގެ ސައިނާ އަދި ސޫރިޔާގެ ގޯލާނުގެ އުސްބިންތައް ހިފިއެވެ. ސައިނާއިން ފައިބަން ޖެހުނަސް، ގޯލާނުގެ އުސްބިންތައް އަދިވެސް އޮތީ ޔަހޫދީންގެ އަތްދަށުގައެވެ.

މެދުއިރުމަތީގެ ސުލްހަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން 2013 ވަނަ އަހަރުން ފެށިގެން އިރުމަތީ ޤުދުސްގައި ހުންނަ މުސްލިމް އަދި ނަސާރާ ދީނުގެ މުޤައްދަސްތަންތަން ބެލެހެއްޓުން ހަވާލުވެފައި ވަނީ އުރުދުންނާއެވެ. އޭގެ ތެރޭގައި ބައިތުލްމަޤްދިސް ހިމެނެއެވެ. އަދި އެތަންތަން ބަލަހައްޓާ މީހުންނަށް މުސާރަދީ، މަރާމާތަށް ޚަރަދުކުރަނީ އުރުދުންއިންނެވެ.

އިޒްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަށް އެމެރިކާއިން ނިންމުން އެކަމަށް އެންމެ ފުރަތަމަ ފާޑުކީ އެއް ޤައުމަކީ ވެސް އުރުދުންއެވެ. ޢަބްދުﷲ ރަސްގެފާނު ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގުޅުއްވައި، މިނިންމެވުމުގެ ނުރައްކާތެރިކަމާ މެދު ވާހަކަ ދައްކަވާފައެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް