ކ. މާލެ
|
7 ޑިސެންބަރ 2017 | ބުރާސްފަތި 09:43
އިޒްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ (ކ) އަދި އެމެރިކާގެ ރައީސް ޓްރަމްޕް
އިޒްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ (ކ) އަދި އެމެރިކާގެ ރައީސް ޓްރަމްޕް
ހަފިންގްޓަން ޕޯސްޓް
ޤުދުސްގެ މައްސަލަ
ޔަހޫދީން އަބަދުވެސް ޓްރަމްޕަށް ޝުކުރުވެރިވާނެ: ނަތަންޔާހޫ
އެމެރިކާ ފިޔަވައި އެހެން ޤައުމަކުން ޤުދުސްއަށް އެމްބަސީ ބަދަލުކުރަން ނިންމާފައެއް ނުވޭ
ޓްރަމްޕްގެ ނިންމެވުމުގެ ސަބަބުން މެދުއިރުމަތީގެ ސުލްހައަށް ފުރުސަތު ގެއްލިއްޖެ
އިޒްރާއީލުން ދަނީ ޓްރަމްޕްގެ ނިންމެވުމަށް ތައުރީފްކުރަމުން

ޔަހޫދީ ދައުލަތް އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވީތީ އެމަނިކުފާނަށް ޔަހޫދީން އަބަދުވެސް ޝުކުރުވެރިވާނެކަމަށާއި، އެކަން ދުވަހަކު ހަނދާން ނުނެތޭނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

އެމެރިކާއިން އިޒްރާއީލްގެ ވެރިރަށުގެ ގޮތުގައި ޤުދުސް ބަލައިގަނެ، ތެލް އަވީވުގައި ހުރި އެމެރިކާގެ އެމްބަސީ ޤުދުސްއަށް ބަދަލުކުރުމަށް ނިންމުމާ ގުޅިގެން ނަތަންޔާހޫ ވަނީ ޓްރަމްޕަށް ޝުކުރު ދަންނަވައި، ވީޑިއޯ މެސެޖެއް ދެއްވާފައެވެ. އަދި މިމެސެޖްގައި ނަތަންޔާހޫ ވަނީ އެހެން ޤައުމުތަކުން ވެސް އެޤައުމުތަކުގެ އެމްބަސީތައް ޤުދުސްއަށް ބަދަލުކުރުމަށް ގޮވާލައްވާފައެވެ. ނަތަންޔާހޫ ވިދާޅުވީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤުދުސް ހަމަނުޖެހި، މެދުއިރުމަތީގެ ސުލްހަ ޤާއިމްނުކުރެވޭނެ ކަމަށާއި، ޓްރަމްޕްގެ މި ނިންމެވުމުގެ ސަބަބުން ސުލްހައަށް އިތުރު މަގެއް ހުޅުވިއްޖެ ކަމަށެވެ.

އެހެން ނަމަވެސް ފަލަސްތީނުން ވެސް ގެންދަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރެވޭ ދުވަހަކު، އެޤައުމުގެ ވެރިރަށަކަށް ވާނީ ވެސް އިރުމަތީ ޤުދުސްކަމަށް ބުނަމުންނެވެ. އެހެން ކަމުން ސުލްހައި ޤާއިމްކުރުމަށް ވުރެ ބޮޑަށް އެމެރިކާގެ ނިންމުމުގެ ސަބަބުން މެދުއިރުމަތީގެ މައްސަލަ އިތުރަށް ވެގެންދާނީ ގޯސް ކަމަށް މުހައްލިލުން ދެކެއެވެ.

ޤުދުސްއަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް ޓްރަމްޕް ނިންމެވި ނިންމެވުމަކީ "އިންސާފުވެރި" އަދި "ހިތްވަރުގަދަ" ނިންމެވުމެއް ކަމަށް ނަތަންޔާހޫ ސިފަކުރެއްވިއެވެ.

ނަތަންޔާހޫ ވިދާޅުވީ ޤުދުސްއަކީ އިޒްރާއީލްގެ ވެރިރަށުގެ ގޮތުގައި ހަމަޖެއްސި ނަމަވެސް، މުސްލިމުންނާއި ނަސާރާއިންނާއި ޔަހޫދީންނަށް ވެސް އެއްވެސް ހުރަހެއް ނެތި އަޅުކަން ކުރުމަށް ޤުދުސްއަށް ވަދެވޭނެ ކަމަށެވެ. ޤުދުސްއަކީ މި ތިން ދީނުގެ މީހުންނަށް ވެސް މުޤައްދަސް ރަށެކެވެ.

ޤުދުސްއަކީ އެމީހުންގެ ތަނެއް ކަމަށް އިޒްރާއީލުން ބުނި ނަމަވެސް، ބައިނަލްއަޤްވާމީ މުޖްތަމައުން ޤަބޫލުކުރާ ގޮތުގައި އިޒްރާއީލަށް ނިސްބަތް ވަނީ ހަމައެކަނި ހުޅަނގު ޤުދުސްއެވެ. އަދި 1967ވަނަ އަހަރުގެ ހަނގުރާމައިގައި އިޒްރާއީލުން ހިފި އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ބައެއް ކަމަށް ބައިނަލްއަޤްވާމީ މުޖްތަމައުން ޤަބޫލުކުރާ އިރު، ޤުދުސްއަށް އެއްވެސް އެމްބަސީއެއް ބަދަލުކުރުމަށް މީގެ ކުރިން މަސައްކަތްކޮށްފައެއް ނުވެއެވެ.

ޓްރަމްޕް ވެރިކަމަށް ވަޑައިގަތީ ޔަހޫދީންގެ ގިނަ ބައެއްގެ މަދަދާ އެކުގައެވެ. އެގޮތުން ޔަހޫދީ މަހުޖަނުން ޓްރަމްޕަށް ބޮޑެތި ޚަރަދުތައް ކުރިއިރު، ކެމްޕޭން ތެރޭގައި ޓްރަމްޕް ވަނީ އިޒްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ ތެލްއަވީވަށް ބަދަލުކުރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ޓްރަމްޕްގެ އެވައުދަކީ އެމީހުންގެ ބާރުއެޅުމަށް ވިދާޅުވި ވާހަކައެއް ކަމަށް ބެލެވެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް