މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނެގި މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލުކޮށްފި އެވެ.
ރިލްވާން ވަގަށް ނަގާފައިވާ ކަމަށް ބުނެ ޓެރަރިޒަމް ދައުވާ އުފުލާފައި ވަނީ ހ.ހިލްޓަން، އަހުމަދު އާލިފް ރައޫފާއި، ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީން އަދި ސ. ހުޅުދޫ، އަތިރިޔާގޭ މުހައްމަދު ސުއައިދުގެ މައްޗަށެވެ.
މި މައްސަލަ ފެށުމަށް މިދިޔަ ސެޕްޓެމްބަރު 20ގައި ބޭއްވި އިބްތިދާއީ ބައްދަލުވުމުގައި އާލިފު އާއި ނޫރައްދީނަށް ވަކީލަކު ހަމަ ޖައްސަން 10 ދުވަހުގެ މުހްލަތެއް ދީފައިވެ އެވެ. އެ ޝަރީއަތުގެ މަޖިލީހަށް ސުއައިދު ހާޒިރުވެފައި ނުވެ އެވެ.
މި މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ ކޯޓަށް ހާޒިރުވުމަށް އަންގާ ސުއައިދު އަށް ޗިޓް ފޮނުވުމުން، އޭނާ މަރުވެފައިވާ ކަމަށް އާއިލާއިން ބުނި ކަމަށެވެ.
ތިން މީހުންގެ މައްޗަށް ދައުވާކޮށް މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ 20 ވަނަ ދުވަހު އެވެ. ދައުވާގައި ބުނަނީ އެ ތިން ބައިވެރިންވެގެން ރިލްވާން ގަދަކަމުން ފޮރުވާފައިވާ ކަމަށެވެ.
ދައުވާ ކޮށްފައިވާ ތިން މީހުންގެ ތެރެއިން އާލިފާއި ނޫރައްދީނަކީ މި މައްސަލައާ ގުޅިގެން 2016 ވަނަ އަހަރު ހައްޔަރުކުރި ދެ މީހުންނެވެ. އެ މީހުން ދޫކޮށްލާފައި ވަނީ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުންނެވެ.
ރިލްވާނު ވަގަށް ނަގާފައި ވަނީ އޮގަސްޓް، 8، 2014 ވަނަ ދުވަހުގެ ރެ އެވެ.
ފުލުހުން ބުނީ ރިލްވާން ގެއްލުނު ރޭ، ހުޅުމާލޭގައި އޮތް ރަތް ކުލައިގެ ކާރަކަށް މީހަކު ގަދަކަމުން އަރުވާ ކަމަށް ބުނެ އަދި މީހަކު ހަޅޭއްލަވާ ކަމަށް ބުނެ ބަޔަކު ރިޕޯޓްކުރި ކަމަށާއި ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެ ކާރު ނެތް ކަމަށެވެ. އަދި ފަހުން އެ ކާރު ބަލާ ފާސްކޮށްފައިވާނެ ކަމަށާއި ކާރު ހުޅުމާލެއަށް ގެންގޮސްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ރިލްވާން ގެއްލުނު މައްސަލާގައި ބަލާ ފާސްކޮށްފައިވާ ކާރަކީ އާލިފް ރައުފްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައި އޮތް ކާރެކެވެ. އެ ކާރުގެ ތެރެއިން ރިލްވާންގެ މަންމަގެ ޑީއެންއޭ ލިބިފައިވާ ކަމަށާއި އެ ޑީއެންއޭ ލިބިފައިވަނީ ޑިކީގައި އަޅާފައި އޮތް ކާޕެޓެއްގެ ތެރޭގައި އޮތް އިސްތައްޓަކުން ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
ރިލްވާން ގެއްލުނު ރޭ މާލޭގައި ރިލްވާން ސައިކަލް ދުއްވި އިރު، އޭނާގެ ސައިކަލް ފަހަތުން ބަޔަކު ދުއްވާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. ރިލްވާނަށް ފާރަލި މީހުންގެ ތެރޭގައި މުހައްމަދު ސުއައިދު ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.