ކ. މާލެ
|
6 ޑިސެންބަރ 2017 | ބުދަ 23:34
އެމެރިކާގެ ރައީސް ޑޮަނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮަނަލްޑް ޓްރަމްޕް
ގޫގުލް
އިސްރާއީލް ފަލަސްތީނު މައްސަލަ
ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ބަލައިގެންފި
ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތް ފުރަތަމަ އަދި ހަމައެކަނި ގައުމަކީ އެމެރިކާ
ޓެލް އަވީވްގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމަށް ވަނީ ނިންމަވާފައި
ޓްރަމްޕްގެ މިނިންމެވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައި

ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ބަލައިގެންފި އެވެ.

ގުދުސްއަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ބަލައިގެންފިކަން ހާމަކޮށްފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ.

ޓްރަމްޕް ވަނީ އިޒްރޭލުގެ ޓެލް އަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސް އަށް ބަދަލު ކުރުމަށް ނިންމަވާފައެވެ.

ޓްރަމްޕްގެ މިނިންމެވުން ރަސްމީކޮށް ހާމަކޮށްފައި ވަނީ، ބައިނަލްއަޤްވާމީ މުޖުތަމައުގެ ބޮޑެތި ފާޑުކިޔުންތަކެއް އެކަމަށް އަމާޒުވެފައި ވަނިކޮށެވެ.

ޓްރަމްޕް ވަނީ އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލުކުރުމަށް ނިންމެވި ނިންމެވުން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ، އަންގާރަ ދުވަހު ހިއްސާ ކުރައްވާފައެވެ.

ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ ވަފާ އިން އަންގާރަ ދުވަހު އާއްމުކުރި ރިޕޯޓެއްގައި ވަނީ، ފަލަސްތީނާއި އިޒްރޭލާއި ދެމެދު ޚިޔާލުތަފާތުވުން އުފެދިފައިވާ ޤުދުސް އަށް އެމެރިކާގެ އެމްބަސީ ބަދަލު ކުރުމުގެ ވާހަކަ ފަލަސްތީނުގެ ރައީސްއާ ހިއްސާ ކުރައްވާފައި ވަނީ އެމެރިކާގެ ރައީސް ކުރެއްވި ފޯން ކޯލެއްގައި ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މިނިންމެވުމުގެ ސަބަބުން، ސުލްހައިގެ މަސައްކަތްތަކަށާއި، އެސަރަޙައްދާއި ދުނިޔޭގެ ސުލްހަ އާއި ސަލާމަތާއި ރައްކާތެރި ކަމަށް ކުރިމަތިވެދާނެ ނުރައްކާތެރި މައްސަލަތައް އެމެރިކާގެ ރައީސަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ހިއްސާ ކުރެއްވި ކަމަށް އައްބާސްގެ ތަރުޖަމާނު ނާބިލް އަބޫ ރުދެއިނާ ވިދާޅުވި އެވެ.

އިޒްރޭލާއި ފަލަސްތީނާއި ދެމެދުވާ ހިޔާލުތަފާތުވުންތަކުގެ ތެރެއިން އެންމެ ނާޒުކު މައްސަލައަކީ ގުދުސްގެ މައްސަލައެވެ.

އިޒްރޭލުން 1967 ވަނަ އަހަރު ކުރި ހަނގުރާމާގައި އިރުމަތީ ގުދުސް ހިފުމަށް ފަހު، އިޒްރޭލުން ބަލަނީ އިރުމަތީ ގުދުސްއަކީ އެމީހުންގެ ވެރިރަށުގެ ގޮތުގައެވެ. އެހެންނަމަވެސް ފަލަސްތީނުން ބޭނުން ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދުމުން، އެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ގުދުސް ހެދުމަށެވެ.

ގުދުސްގައި މިހާތަނަށް އެއްވެސް ގައުމެއްގެ އެމްބަސީ އެއް ގާއިމްކޮށްފައެއްނުވެއެވެ. އަދި ގުދުސް އަކީ އިޒްރޭލުގެ އިހްތިސާސް ހިނގާ އިޒްރޭލުގެ ސަހަރެއްގެ ގޮތުގައި ބައިނަލްއަގްވާމީ މުޖުތަމައު އިން ބަލައިގަނެފައެއްނުވެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް