ޗައިނާއަކީ ދިވެހިރާއްޖޭގެ ވިޔަފާރި އާއި ތަރައްޤީގެ އެންމެ ގާތް ބައިވެރިޔާގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސިފަކުރައްވައިފިއެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 45 އަހަރު ފުރުން ފާހަގަކުރުމަށް ބެއިޖިންގައި ބޭއްވި ރަސްމީ ހަފްލާގައި ވާހަކަ ދައްކަވަމުން، ރައީސް ޔާމީން ވިދާޅުވީ، ފާއިތުވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އާއި ޗައިނާގެ ގުޅުން އާ ހަރުފަތަކަށް ވާސިލުވެފައިވާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، ޗައިނާއަކީ ރާއްޖޭގެ ހަޤީޤީ އެކުވެރިއެއް ކަމަށާއި، ދެޤައުމުގެ މި އެކުވެރިކަން ބިނާވެފައި ވަނީ އެއްޤައުމު އަނެއް ޤައުމަށް ކުރާ އިތުބާރާއި، އިޚްތިރާމުގެ މައްޗަށް ކަމަށެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރާއްޖެއަކީ ވެސް ޤައުމެއްގެ ހައިސިއްޔަތުން ދިމާވާ ދާޚިލީ މައްސަލަތަކުގައި އަމިއްލަވަންތަ ހައްލު ހޯދޭނެ ވަރުގެ ޤާބިލުކަން ހުރި ޤައުމެއްކަން ޗައިނާއިން ޤަބޫލުކުރާ ކަމަށެވެ.
މި ހަފްލާގައި ރައީސް ޔާމީން ވަނީ ރާއްޖޭގެ ޢިޖްތިމާއީ އަދި އިޤްތިޞާދީ ތަރައްޤީއަށް ޗައިނާ ސަރުކާރުން އެހީތެރިވެ، އެއްބާރުލުން ދެމުންދާ ކަމަށް ވިދާޅުވެ، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއަށް ތާރީޚީ ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މިދަނޑިވަޅުގައި ދިވެހި ރައްޔިތުން، ޚާއްޞަކޮށް ދިވެހި ޒުވާނުންގެ އުއްމީދުތައް ޙާޞިލްކުރުމަށްޓަކައި، އުފެއްދުންތެރިކަމާ އެކު ދެމެހެއްޓެނިވި ގޮތެއްގައި އިޤުތިޞާދު ކުރިއަރުވައި، ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ދިރިއުޅުމުގެ ފުރުޞަތުތައް ތަނަވަސްކޮށްދޭން ޖެހޭ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީގެ މިދަތުރުގައި ބައިވެރިވުމަށް ޗައިނާގެ ވިޔަފާރިވެރިންނަށް ވަނީ ދަޢުވަތު އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެޤައުމުގެ ރައީސް ޝީ ޖިންޕިންގގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދުގައި ރަސްމީ މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ދެޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ވިޔަފާރި އާއި، އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ފުޅާ ކުރުމާއި ޓެކްނޮލޮޖީގެ ދާއިރާއިން ވެވޭ އެއްބަސްވުންތައް ހިމެނެއެވެ.