ހދ. ކޭލަކުނުގައި އޮތް ފަދަ ބަރު ގަސް އުފެދޭ މާހައުލެއް މުޅި ދުނިޔޭގައި ވެސް މަދު ކަމަށާއި، ރާއްޖޭގައި އެރަށް އޮތީތީ ފަޚުރުވެރި ވާން ޖެހޭ ކަމަށް އިކޯކެއަރއިން ބުނެފިއެވެ.
ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް ކަމަށްވާ އިކޯކެއަރގެ ޑައިރެކްޓަރ އޮފް އެޑްވޮކަސީ މަޢީދު މުހައްމަދު ޒާހިރު ވިދާޅުވީ ބަރު ގަހުގެ ޖަންގައްޔެއް ކޭލަކުނުގައި އޮތް އިރު، އެފަދަ ޤުދުރަތީ ތަރިކައެއް ލިބުނީތީ އަޅުގަނޑުމެން އުފާކުރަން ޖެހޭ ކަމަށެވެ. ބަރުގަހަކީ ދުނިޔޭގެ ނިސްބަތުން ވެސް މަދު، ގަހެކެވެ. މަޢީދު ވިދާޅުވީ ދިވެހިންގެ މުއްސަނދި ތިމާވެށީގެ ސަޤާފަތް ދައްކަން އޮތީ މަދު ތަނެއް ކަމަށާއި، ހދ. ކޭލަކުނަކީ އޭގެ ތަނެއް ކަމަށެވެ. އަދި މިފަދަ ސަބަބުތަކަށްޓަކައި ކޭލަކުނު ސަލާމަތްކުރަން ޖެހޭ ކަމަށް މަޢީދު ވިދާޅުވިއެވެ.
ހިމާޔަތްކޮށްފައިވާ ބަޔޯސްފިއަރ ރިޒަރވަކަށް ހދ. ކޭލަކުނު ހެދުމަށް ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ބައިނަލްއަޤްވާމީ ޖަމިއްޔާއަކުން އޭރުގެ ދިވެހި ސަރުކާރަށް ގޮވާލާފައިވާކަން މަޢީދު ވެސް ވަނީ ފާހަގަކުރައްވާފައެވެ. އެޖަމިއްޔާއިން ދިވެހި ސަރުކާރަށް ފޮނުވި ސިޓީގެ ކޮޕީގެ ޚަބަރެއް ރާއްޖެ ޓީވީއަށް ލިބިފައިވެއެވެ.
"އޭގެ މާފަހުން ހަޤީގަތުގައި ބ. އަތޮޅުގައި ވެސް ބަޔޯސްފިއަރ ރިޒާރވެއް ހެދުނީ. ބަޔޯސްފިއަރ ރިޒަރވެއްގެ ގޮތިގައި ކޭލަކުނާއި، ކޭލަކުނު ވަށައިގެންވާ ފަރުގެ ސަރަހައްދު ހިމެނޭ ގޮތަށް ރާއްޖޭގެ އެސަރަހައްދު ހިމާޔަތްކުރަން ބައިނަލްއަޤްވާމީ އެކްސްޕާޓުން ވެސް އޮޕީނިއަން ދީފައި އޮތް ރަށެއް،" މަޢީދު ވިދާޅުވިއެވެ.
މަޢީދު ވިދާޅުވީ ކޭލަކުނަކީ ތިމާވެށީގެ ގޮތުން ނާޒުކު އަދި މުއްސަނދި ތަނެއް ކަމަށެވެ.
ހދ. ކޭލަކުނުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ނިންމާފައިވާއިރު، ތިމާވެށި ހިމާޔަތްކުރުމަށް އަޑުއުފުލާ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ކޭލަކުނު ނޫން އެހެން ރަށެއްގައި ރިޒޯޓެއް ހަދައި، ހދ. އަތޮޅަށް ފަތުރުވެރިކަން ގެނައުމަށް އެފަރާތްތަަކުން ދަނީ ގޮވާލަމުންނެވެ.