ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ދެކަނބަލުން ޗައިނާއަށް ވަޑައިގަންނަވައިފި އެވެ.
ރައީސް ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމް ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ދައުވަތަކަށް ޗައިނާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގަންނަވާފައިވަނީ ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޔާމީން ޗައިނާއަށް ކުރައްވާ މިދަތުރުފުޅުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދުގައި ރަސްމީ މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން، ދެގައުމުގެ ދެމެދުގައި މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅުގައި ސޮއި ކުރައްވަން ހަމަޖެހިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރި އާއި އިގްތިސާދީ އަދި އިޖްތިމާއީ ދާއިރާއިން ދެގައުމުގެ ގުޅުން އިތުރަށް ފުޅާ ކުރެއްވުމާއި ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް އިތުރު ކުރިއެރުންތައް ހޯދުމާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ މުހިއްމު އެއްބަސްވުންތައް ހިމެނޭނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ އަދި އިޖްތިމާއީ ގުޅުންތައް އިތުރަށް ބަދަލުހި ކުރެއްވުމާމެދު މަޝްވަރާ ކުރެެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.