ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 15 ބުރީގެ ދެ ޓަވަރު އަޅަން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ވެސް އިއުލާން ކޮށްފިއެވެ.
ގައުމީ ޔުނިވާސިޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ "އެމްއެންޔޫ ހިޔާ ޕްރޮޖެކްޓް"ގެ ނަމުގައި 15 ބުރީގެ ދެ ޓަވަރު އިމާރާތް ކުރަން ބޭނުންވާ ކަމަށެވެ. އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 13 ވަނަ ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުވުން އެދޭ ކަމަށެވެ.
އެ އިއުލާނުގައިވާ ގޮތުގައި އެ ދެ ޓަވަރު އެޅުމަށް ހަމަޖެހިފައިވަނީ ކޮންމެ ޓަވަރެއް 10،000 އަކަފޫޓުގެ ބިމެއްގައެވެ.
ސަރުކާރުގެ ކުންފުނިތަކުންނާއި ދައުލަތުގެ ބައެއް މުއައްސަސާތަކުން 15 ބުރީގެ ޓަވަރުތައް އިމާރާތް ކުރަން ނިންމާފައިވާއިރު، އެ ޓަވަރުތައް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ދަނީ އިއުލާނު ކުރަމުންނެވެ.
އެގޮތުން،
އެމްޑަބްލިއުއެސްސީ އިން 15 ބުރީގެ ދެ ޓަވަރު،
ފެނަކަ ކޯޕަރޭޝަން އިން 15 ބުރީގެ ދެ ޓަވަރު،
އެމްއާރްޑީސީ އިން 15 ބުރީގެ ދެ ޓަވަރު،
ސްޓެލްކޯ އިން 15 ބުރީގެ ދެ ޓަވަރު،
އައިލެންޑް އޭވިއޭޝަން އިން 15 ބުރީގެ ތިން ޓަވަރު،
ކަސްޓަމްސް އިން 15 ބުރީގެ ހަތަރު ޓަވަރު،
ވެމްކޯ އިން 15 ބުރީގެ އެއް ޓަވަރު،
އެމްޕީއެފް އިން 14 ބުރީގެ ތިން ޓަވަރު އިމާރާތްކުރަން ވަނީ އިއުލާނުކޮށްފައެވެ.
މީގެއިތުރުން އެމްޓީސީސީން ވަނީ ދެ ޓަވަރު އިމާރާތް ކުރަން އިއުލާނުކޮށްފައެވެ. ނަމަވެސް އެއީ ކިތައް ބުރީގެ ޓަވަރުތަކެއް ކަމެއް ހާމަކޮށްފައި ނުވެއެވެ.
ސަރުކާރު ކުންފުނިތަކުންނާއި ދައުލަތުގެ މުއައްސަސާތަކުން އިމާރާތް ކުރާ ޓަވަރުތަކަކީ މިހާރު ސަރުކާރުން ފަށާފައިވާ "ހިޔާ" މަޝްރޫގެ ދަށުން ހިންގާ ޕްރޮޖެކްޓްތަކެއް ކަމެއް ސާފެއް ނުވެއެވެ.
ސަރުކާރުން ބުނެފައި ވަނީ "ހިޔާ" މަޝްރޫއުގެ ދަށުން 25 ބުރީގެ 62 ޓަވަރު އިމާރާތް ކުރެވޭނެ ކަމަށެވެ.
ސަރުކާރުން ބުނެފައިވާ ގޮތުން ހިޔާ މަޝްރޫއުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކާއި އެކު ޖުމްލަ 22 ފަރާތަކުން ބައިވެރި ވެއެވެ.
"ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 25 ބުރީގެ 62 ޓަވަރު އެޅުމަށް ނިންމާފައިވާއިރު، 25 ބުރީގެ ޓަވަރެއް އެޅުމަށް އެއްވެސް އިދާރާއަކުން އަދި އިއުލާނު ކޮށްފައެއް ނުވެއެވެ.
ސަރުކާރުން އިއުލާނުކުރި 25 ބުރީގެ 62 ޓަވަރުގެ ތެރެއިން 16 ޓަވަރެއް އިމާރާތް ކުރުމަށް 434 މިލިއަން ޑޮލަރަށް، ޗައިނާ ކޮންސްޓްރަކްޝަން ތާޑް އިންޖިނިއަރިންގ ބިއުރޯ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.