ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަވަހާރަ ކޮށްލަން އުޅޭ ކަމަށް ބުނެ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށް އެއްބާރުލުން ނުލިބޭ ކަމަށް ބުނެ އެ މައްސަލަ ނުބަލަން ނިންމައި މައްސަލަ ފައިލް ކޮށްފިއެވެ.
އަދީބުގެ ގާނޫނީ ވަކީލް މޫސާ ސިރާޖު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދީބު އަވަހާރަ ކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުންނަށް ހުށަހެޅި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ފުރިހަމަ އަށް އެއްބާރުލުން ދީފައި ވާނެ ކަމަށެވެ.
ނަމަވެސް އަދީބު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ދިން ފަރާތުގެ ވަނަވަރު ހޯދަން ފުލުހުން އެދުނު ކަމަށާއި ނަމަވެސް އެ މައުލޫމާތު ދީފައި ނުވާނެ ކަމަށް ސިރާޖް ވިދާޅުވިއެވެ. އެ ނޫން ހުރިހައި މައުލޫމާތެއް ވެސް ދީފައިވާނެ ކަމަށް އަދީބުގެ ވަކީލް ވިދާޅުވިއެވެ.
އަދީބު އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލަ ނުބަލަން ނިންމާ ފުލުހުން ދީފައިވާ ލިޔުން ވެސް ސިރާޖް ވަނީ ޓުވީޓް ކުރައްވާފައެވެ.
އެ ލިޔުމުގައި ބުނެފައި ވަނީ އަދީބުގެ ފަރާތުން ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށް އެއްބާރުލުން ނުލިބޭތީ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހޯދިފައި ނުވާ ކަމަށާއި އަދި މައްސަލައާ ގުޅޭ ގޮތުން ޕީޖީއާ މަޝްވަރާ ކުރުމުން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި ޖިނާއީ ދައުވާއެއް ކުރެވޭނެތަނެއް ނެތް ކަމަށް ބުނެފައިވާ ކަމަށެވެ.
VP Adeeb maraalan ulhey kamuge mauloomath libigen police ah husha elhunu mahsala nubalan nimma mahsala file kohfi.
— Moosa Siraj (@MoosesSiraj) December 5, 2017
Eh baarulun baraa barah dheefa vaane. Nama ves mauloomath foaru kohdhin faraathuge vana varu foaru kohdhen vaane dhekolhu hadhaafa. #AuthorizeMedical4Adeeb pic.twitter.com/HoWZQXa8K8
އެހެން ކަމުން އިތުރު މައުލޫމާތު ލިބުމުން މައްސަލަ ކުރިއަށް ގެންދަން ނިންމާ މައްސަލަ ފައިލް ކޮށްފައިވާ ކަމަށް އެ ލިޔުމުގައި ބުނެފައިވެއެވެ.
އަދީބު އަވާހަރަ ކޮށްލަން އުޅޭކަމުގެ މައުލޫމާތު ލިބިގެން އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިދިޔަ ޖުލައި މަހު އެވެ. އަދީބުގެ ގާނޫނީ ޓީމުން ފުލުހަށް ހުށަހެޅި ސިޓީގައި ބުނެފައިވަނީ އަދީބު ދޫނިދޫ ގޮޅީގައި އޮއްވާ އޭނާ މަރާލުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން ތަހުގީގުކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި އެކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ވެސް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފަށް އެޑްރެސް ކުރައްވާ ފޮނުވި ސިޓީގައި އެދިފައިވެ އެވެ.