މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙާއި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު، އާޖެންޓީނާގައި ބާއްވާ ޕާލަމެންޓްރީ ކޮންފަރެންސް އޮން ޑަބްލިޔު.ޓީ.އޯގައި ބައިވެރިވެވަޑައިގަތުމަށް އާޖެންޓީނާއަށް ވަޑައިގަންނަވަނީ ދައުވަތު ނުދެނީސް އަމިއްލަފުޅަށް އެދިވަޑައިގެން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާޖެންޓީނާގައި ބާއްވާ މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މަޖިލިސް ރައީސް މަސީހާއި ނައިބު ރައީސް މޫސާ މަނިކު ވަޑައިގެންނެވީ މާލިއްޔަތުގެ ޤާނޫނުގައި ބުނާ ގޮތާއި ޚިލާފަށް ދިގު ދަތުރުފުޅަކަށް ފަހުގައިކަމަށެވެ. އެގޮތުން ދުބާއީ މަގުން އާޖެންޓީނާގެ ވެރިރަށް ބޮއިނަސް އައިރިސްއަށް ދާން އަގުހެޔޮވިނަމަވެސް، އެދެބޭފުޅުން ވަޑައިގަންނަވަނީ ދުބާއީ އަދި ބްރެޒިލްގައި މަޑުކުރެއްވުމަށްފަހު ކަމަށް މަހުލޫފު ވިދާޅުވިއެވެ. އަދި ދައުލަތުން 2 ލައްކަ ރުފިޔާ ޚަރަދުކޮށްގެން އެދެބޭފުޅުން ކުރައްވާ މިދަތުރުފުޅަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށް މަހުލޫފު ސިފަކުރެއްވިއެވެ.
ޕާލަމެންޓްރީ ކޮންފަރެންސް އޮން ޑަބްލިޔު.ޓީ.އޯ އަކީ އދގެ ގުނަވަނެއް ކަމަށްވާ ދުނިޔޭގެ ވިޔަފާރި އާއި ބެހޭ ޖަމްއިއްޔާ (ޑަބްލިޔު.ޓީ.އޯ)ގެ މިނިސްޓީރިއަލް މީޓިންއާއި ދިމާކޮށް ޔޫރަޕިއަން ޕާލަމެންޓާއި އިންޓަޕާލަމެންޓަރީ ޔޫނިއަންއާއި ގުޅިގެންވާ ބާއްވާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ ބޭނުމަކީ ޑަބްލިޔު.ޓީ.އޯގެ ނިންމުންތަކަށް އެޖަމާޢަތް ޖަވާބުދާރީ ކުރުވުމަށް، ރައްޔިތުންގެ މަންދޫބުންގެ ފަރާތުން ބާރު އެޅުމެވެ.
ޑަބްލިޔު.ޓީ.އޯގެ 11ވަނަ މިނިސްޓީރިއަލް ކޮންފަރެންސް އޮންނާނީ އާޖެންޓީނާގެ ވެރިރަށް ބޮއިނަސް އައިރިސްގައި މިމަހުގެ 10ވަނަ ދުވަހުން 13ވަނަ ދުވަހަށެވެ. އަދި ޕާލަމެންޓްރީ ކޮންފަރެންސް އޮން ޑަބްލިޔު.ޓީ.އޯ އޮންނާނީ މިމަހުގެ 9ވަނަ ދުވަހުން 10ވަނަ ދުވަހަށެވެ. ޕާލަމެންޓްރީ ކޮންފަރެންސް އޮން ޑަބްލިޔު.ޓީ.އޯ އަބަދުވެސް ބާއްވަނީ މިނިސްޓީރިއަލް ކޮންފަރެންސާއި ދިމާކޮށް، ހަމަ އެއް ރަށެއްގައެވެ. އަދި ޕާލަމެންޓްރީ ކޮންފަރެންސް އޮން ޑަބްލިޔު.ޓީ.އޯއަށް ވަޑައިގަންނަވާ ޤާނޫން ހަދާ މަޖިލިސްތަކުގެ މެމްބަރުންވެސް ކޮންފަރެސަށް ވަޑައިގަންނަވަނީ އަބަދުވެސް މިނިސްޓީރިއަލް ކޮންފަރެންސަށް ވަޑައިގަންނަވާ ވަފުދާއިއެކު، އެއް ވަފުދެއްގެ ގޮތުގައެވެ. އަދި ކޮންފަރެންސަށް ވަޑައިގަންނަވާ ޤާނޫން ހަދާ މަޖިލީހުގެ މެމްބަރުންނަކީ އެޤައުމަކުން މިނިސްޓީރިއަލް ކޮންފަރެންސަށް ވަޑައިގަންނަވާ ވަފުދުގެ މެމްބަރުންކަން 'ކަށަވަރު ކުރުމަށް' އައި.ޕީ.ޔޫއިން ބާރުއަޅައެވެ. އައި.ޕީ.ޔޫއިން ބުނެފައިވަނީ ވަފުދުގައި ނުހިމެނި، އާޖެންޓީނާއަށް ވަޑައިގަންނަވާނަމަ މަޖިލިސް މެމްބަރުންގެ ދަތުރު ޚަރަދާއި، ހުރުމާއި ކެއުމުގެ ޚަރަދުގެ އިތުރުން ވިސާގެ ކަންތައް ހަމަޖައްސަވަން ޖެހޭނީ އަމިއްލަފުޅަށް ކަމަށެވެ. އެހެން ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މަސީހުއާއި މޫސަ އާޖެންޓީނާއަށް ވަޑައިގަންނަވަނީ ރާއްޖޭގެ ވަފުދަކާއި ނުލައި ނަމަވެސް، މަޖިލީހުގެ ޚަރަދުގައެވެ. މި ކޮންފަރެންސްގައި ބައިވެރިވުމަށް އިކޮނޮމިކް މިނިސްޓަރު ނުވަތަ ފިނޭންސް މިނިސްޓަރު ނުވަތަ މިއިން ވުޒާރާއެއްގެ ވަފުދެއް ދާކަމެއް އަދި އެނގިފައެއް ނުވެއެވެ. ބުދަ ދުވަހު ރާއްޖެ.އެމްވީއިން ގުޅާލުމުން އިކޮނޮމިކް މިނިސްޓްރީއިން ބުނީ ވަޒީރުގެ އެފަދަ ދަތުރުފުޅެއް ރޭވިފައިވާކަން އެނގިފައިނުވާ ކަމަށެވެ.