އިންޑިއާގެ ކޮންގްރެސް ޕާޓީ ހިންގުމާއި ޙަވާލުވެވަޑައިގަތުމަށް ރާހުލް ގާންދީ ތައްޔާރުވެވަޑައިގެންފިއެވެ. މަންމާފުޅު ސޯނިއާ ގާންދީ ފާއިތުވި 19 އަހަރުވަންދެން ހިންގެވި ކޮންގްރެސް ޕާޓީއާއި ޙަވާލުވެވަޑައިގަންނަވާއިރު އެޕާޓީ އޮތީ ވަރަށް ބޮޑަށް އަޑިއަޅާލާފައެވެ. އަދި ރާހުލްއަށް ކުރިމަތިވެވަޑައިގަންނަވާނެ އެންމެ ބޮޑު ގޮންޖެހުމަކީ އެޕާޓީ ނަގާ އަލުން ކޮޅަށް ޖެހުމެވެ.
1885ވަނަ އަހަރު އޭރު އިންޑިއާގައި އޮތް އިނގިރޭސީންގެ ބާރާއި ދެކޮޅަށް ތެދުވުމަށް އުފެއްދި ކޮންގްރެސް ޕާޓީއަކީ އިންޑިއާގެ އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީއެވެ. އުމުރުފުޅުން 47 އަހަރުގެ ރާހުލް ޕާޓީގެ ލީޑަރުކަމާއި ހަވާލުވެވަޑައިގަތުމަށް އެމަނިކުފާނުގެ ނަންފުޅު ނޮމިނޭޓްކުރެއްވީ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންހާއި، ކުރީގެ ރައީސް ޕްރަނާބް މުކަރްޖީއެވެ. ރާހުލް މިހާރު ހުންނެވީ ކޮންގްރެސް ޕާޓީގެ ނައިބު ލީޑަރުގެ މަޤާމުގައެވެ.
ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންހް ވިދާޅުވީ ރާހުލް ގާންދީއަކީ ކޮންގްރެސް ޕާޓީގެ މެމްބަރުންގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެއްކަމަށާއި، އޭނާގެ ފަހަތުގައި ޕާޓީ އޮންނާނެކަމަށެވެ. ރާހުލްގެ ބައްޕާފުޅު ރަޖީވް ގާންދީއާއި، މާމާފުޅު އިންދިރާ ގާންދީގެ އިތުރުން މުނިކާފާފުޅު ޖަވާހަރުލާލް ނެހެރޫއަކީ އިންޑިއާގައި ވެރިކަން ކުރެއްވި ބޭފުޅުންނެވެ.
މިއިން ދުވަހަކު ކޮންގްރެސް ޕާޓީގެ ޙާލަތު ދަށަށް ނުދާ މިންވަރަށް މިހާރު ދަށަށް ގޮސްފައިވާއިރު، 2014ވަނަ އަހަރު ބޭއްވި ޢާއްމު އިންތިޚާބުގައި 545 މެމްބަރުން ހިމެނޭ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގައި އެޕާޓީއަށް ލިބުނީ އެންމެ 48 ގޮނޑިއެވެ. އަދި އޭގެ ފަހުގައި އިންޑިއާގެ އެކި ސްޓޭޓްތަކުގައި އެޕާޓީއަށް އަންނަނީ ބޮޑެތި ނާކާމިޔާބީއާއި ކުރިމަތިވަމުންނެވެ.
ކޮންގްރެސް ޕާޓީގެ ލީޑަރުކަމާއި ރާހުލް ގާންދީ ހަވާލުވެވަޑައިގަންނަވާތީ، އެމަނިކުފާނަށާއި ކޮންގްރެސް ޕާޓީއަށް ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ އިސްވެރިންނާއި ބޮޑުވަޒީރު ނަރެންދްރަ މޯދީވަނީ ގެންދަވަނީ ބަހުގެ ޙަމަލާތައް ދެއްވަމުންނެވެ.