މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް(އެމްޕީއޭއޯ) އިން މިހާރު ނަގަމުން އަންނަ ފީ ކުޑަކޮށްފިއެވެ.
އެ އޮފީހުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިހާރު ނަގަމުން އަންނަ 0.8 ޕަސެންޓް އަންނަ ޖެނުއަރީ މަހުން ފެށިގެން 0.6 ޕަސެންޓަށް ކުޑަކުރަން އެ އޮފީހުގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
އެޑްމިނިސްޓްރޭޓިވް ފީއަކީ ގާނޫނު ނަންބަރު 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ގާނޫނު)ގެ ދަށުން ގާއިމްކޮށްފައިވާ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްއާއި އުމުރުން ދުވަސްވީމީހުންގެ އަސާސީ ޕެންޝަން ސްކީމް ހިންގުމުގެ ޚަރަދާއި ޕެންޝަން ސްކީމްތައް ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ތަރައްގީ ގެނައުމަށް ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސުމަށް ނެގޭ ފީއެއް ކަމަށް އެއިއުލާނުގައި ވެއެވެ.
އެޑްމިނިސްޓްރޭޓިވް ފީއަށް 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރަށް ނަގާފައިވަނީ އެއް ޕަސެންޓް ފީއެކެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރަށް 0.9 ޕަސެންޓްގެ ފީއެއް ނެގިއިރު މިއަހަރު 0.8 ޕަސެންޓްގެ ފީއެއް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ވަނީ ނަގާފައެވެ.
މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ ބައިވެރިންގެ އަތުން ނެގޭ މި ފީއަކީ އަހަރަކު އެއްފަހަރު މުރާޖައާ ކުރަމުންދާ ފީއަކަށް ވާތީ ކުރިއަށް އޮތް ތަނުގައި ވެސް މި ފީއަށް ބަދަލު ގެންނަން ޖެހިއްޖެނަމަ ބަދަލިގެނެވޭނެ ކަމަށް ޕެންޝަން އޮފީހުގެ އިއުލާނުގައި ވަނީ ބުނެފައެވެ.