ރާއްޖެއާއި ޗައިނާއާ އެކު އެކުލަވާލެވިފައިވާ ފްރީ ޓްރޭޑް އެގްރީމެންޓްގެ ސަބަބުން ރާއްޖޭގެ ފަރާތްތަކަށް ވަޒީފާ ލިބުމުގައި އިތުރު ދަތިތަކެއް ކުރިމަތިވެގެންދާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
ފްރީ ޓްރޭޑް އެގްރީމެންޓާއި ބެހޭ ގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން، ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން 90،000 ވުރެ ގިނަ ވަޒީފާ އުފެއްދި ކަމަށް ވިދާޅުވި ނަމަވެސް ޕެންޝަން އޮފީހުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު ވަޒީފާ އުފެއްދިފައިވާ ކަމަށް ބެލެވެނީ 15000 ވަރަކަށް ވަޒީފާ ކަމަށެވެ. މިގައުމުގައި ވަޒީފާއަށް ބޭނުންވާ އެތަކެއް ޒުވާނުން އަދިވެސް އެބަތިބިކަން ފާހަގަކުރައްވާ، އަލީ ހުސައިން ވިދާޅުވީ، މަސައްކަތް ކުރާ އުމުރުގެ އެތައް ބަޔަކު ވަޒީފާ ބޭނުންވެގެން ތިބި އިރު އެފަދަ ފަރާތްތަކަށް ވަޒީފާ ހޯދޭނެ އެކަށީގެންވާ ގޮތްތަކެއް ނެތް ކަމަށެވެ.
އެހެން ނަމަވެސް މި އެގްރީމެންޓްގެ ތެރެއިން ރާއްޖޭގެ ދަނޑުވެރިން އުފައްދާ ބައެއް ބާވަތްތައް ގެންނަން ފެށުމުން ރާއްޖޭގެ ދަނޑުވެރިންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށާއި މިހާރު ވެސް ދަނޑުވެރިން އުފައްދާ ބާވަތްތަކަށް އެކަށީގެންވާ އަދަދެއް ނުލިބިގެން އުޅޭ ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.
" ކަނޑު ކަހާ ދާ ބޭނުންކޮށްގެން ޗައިނާގެ މަސްވެރިން އައިސް މަސްވެރިކަން ކުރަން ފެށުމުން ރާއްޖޭގެ މަސްވެރިންނަށް ކިހިނެތްތޯ ވާނީ. އެކަމުގެ ނުރައްކާ ވަރަށް ބޮޑަށް އެބަ އޮތް. ހަމައެގޮތަށް ޗައިނާގެ ކުންފުންޏަކުން ރާއްޖޭގައި ރިސޯޓެއް ހަދައިފި ކަމުގައިވާ ނަމަ، އަޅުގަނޑަށް ސަތޭކަ ޕަސެންޓް ޔަގީންކަން އެބަ އޮތް އެތަންތަނުގައި ދިވެހިންނަށް ވަޒީފާއެއް އަދާ ނުކުރެވޭނެކަން،" އަލީ ހުސައިން ވިދާޅުވި އެވެ.
މަސައްކަތްތެރިންގެ ހައްގުތަކަށް މި ފްރީ ޓްރޭޑް އެގްރީމެންޓްގެ ސަބަބުން ގެއްލިގެންދާ ކަމަށާއި މިއީ ރައްޔިތުން ކަންބޮޑުވާންޖެހޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ، ފްރީ ޓްރޭޑް އެގްރީމެންޓް ފާސްކޮށްފައިވަނީ އޮންނަ އުސޫލުން ނޫން ކަމަށާއި މި އެގްރީމެންޓް ދިރާސާ ކުރުމަށް މަޖިލީހުގައި ވަގުތު ލިބިފައިނުވާ ކަމީވެސް މި އެގްރީމެންޓް ފާސްކުރުމުގައި ކަންބޮޑުވާ ކަމެއް ކަމަށެވެ.
މި އެގްރީމެންޓަނީ ޗައިނާގެ އިގްތިސާދީ އަޅުވެތި ކަމަށްދާގޮތަށް އޮތް އެގްރީމެންޓް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.