ހަ އަހަރަށް ފަހު އދ.ގެ އިސް އޮފިޝަލަކު ފުރަތަމަ ފަހަރަހަށް އުތުރު ކޮރެއާއަށް ވަޑައިގެންފިއެވެ.
އދގެ ހެޑް އޮފް ޕޮލިޓިކަލް އެފެއަރޒް ޖެފްރީ ފެލްޓްމަން އަންގާރަ ދުވަހު އުތުރު ކޮރެއާއަށް ވަޑައިގެންފައި މިވަނީ 4 ދުވަހުގެ ދަތުރެކެވެ. މިއީ ސިޔާސަތާބެހޭ ވާހަކަތައް ދެއްކުމަށް އުތުރު ކޮރެއާއިން މިދިޔަ ސެޕްޓެމްބަރު މަހު އދއަށް ހުށަހެޅި ދައުވަތެއް އެޤައުމުން އަނެއްކާވެސް ތަކުރާރުކުރުމާ ވިދިގެން ކުރެއްވި ދަތުރެކެވެ.
އދގެ ޕޮލިޓިކަލް ހެޑް ފެލްޓްމަންގެ މިދަތުރުގައި އުތުރު ކޮރެއާގެ ޚާރިޖީ ވަޒީރު ރީ ޔުންގް-ހޯ އާ ބައްދަލުކުރައްވާނެއެވެ. މިބައްދަލުކުރެއްވުމުގައި ގިނަ ކަންތައްތަކަކާމެދު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި ފެލްޓްމަން، އުތުރު ކޮރެއާގެ ލީޑަރު ކިން ޖޮންގ އުން އާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
އުތުރު ކޮރެއާއިން މިސައިލް ޓެސްޓްކުރުން ވަރަށް ބޮޑަށް އިތުރު ވެފައިވާއިރު، ޗައިނާއިން ވެސް ވަނީ އުތުރު ކޮރެއާގެ މިސައިލް ޕްރޮގްރާމާބެހޭ މަޝްވަރާތަކަށް, ނިމިދިޔަ މަހު ޗައިނާގެ އޮފިޝަލަކު ޕިޔޮންގްޔަންގަށް ފޮނުވާފައެވެ.
ފެލްޓްމަން އުތުރު ކޮރެއާއަށް ވަޑައިގެންފައި މިވަނީ އުތުރު ކޮރެއާއިން މިހާތަނަށް ޓެސްޓްކުރި އެންމެ ދުރުރާސްތާ މިސައިލް މިދިޔަ ހަފްތާގައި އެޤައުމުން ޓެސްޓްކޮށްފައިވަނިކޮށެވެ. ހަމައެއާއެކު ފެލްޓްމަންގެ މިދަތުރުފުޅު ދިމާވެފައިވަނީ ދެކުނު ކޮރެއާއާއި އެމެރިކާއިން ގުޅިގެން ދެކުނު ކުރިއަށްގެންދާ ވައިގެ އަސްކަރީ ތަމްރީންތައް ކުރިއަށްދާ ދުވަސްވަރާއެވެ. މި ތަމްރީންތަކަކީ ވައިގެ އަސްކަރީ ތަމްރީންތަކުގެ ތެރެއިން މިދެޤައުމު ގުޅިގެން މިހާތަނަށް ބާއްވާ އެންމެ ވަރުގަދަ ތަމްރީންތަކެވެ.
2011ވަނަ އަހަރުގެ އޮކްޓޯބަރު މަހު އދގެ އެހީއާބެހޭ އެންމެ އިސްވެރިޔާ ވެލެރީ އާމޯސް އުތުރު ކޮރެއާއަށް ވަޑައިގެންނެވިފަހުން އެޤައުމަށް އދގެ އިސް އޮފިޝަލަކު ވަޑައިގެންފައެއް ނުވެއެވެ. އެހެން ނަމަވެސް އުތުރު ކޮރެއާގައި އދގެ 6 އެޖެންސީއެއް ހިންގަމުންދާއިރު، އެއެޖެންސީތަކުގައި 50 ވަރަކަށް މުވައްޒަފުން މަސައްކަތްކުރެއެވެ.