ސެއިލިން އެސޯސިއޭޝަން އަދި ރިޔަލު ރޯޅި ގުޅިގެން ބޭއްވި "ރިޔަލު ރޯޅި ކަޕް 2017" ގެ ޗެމްޕިއަންކަން އަހުމަދު އިރުޝާދު އަދި އަހުމަދު ނާޝިދު ހިމެނޭ އަދާރަން ވޯޓާ ޕްރޫފް އިން ހޯދައިފިއެވެ.
ފަން އައިލޭންޑްގައި ބޭއްވި މި މުބާރާތުގެ އެއްވަނަ އަދާރަނުން ހޯދި އިރު، ދެވަނަ ހޯދީ ނާއިމް މުހައްމަދު ނާއިމް އަދި މުހައްމަދު ޝާހިދު ހިމެނުނު ކަނޑޫމާ މޯލްޑިވްސް ވޯޓާ ސްޕޯޓްސް އިންނެވެ. މުބާރާތުގެ ތިންވަނަ ހޯދީ ފިހާޅޮހި އައިލޭންޑްގެ ކްލަބް އެޔޮލެސް އިންނެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު އިރުޝާދު އަދި ނާޝިދު ބުނީ މިއީ ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށާއި، މިފަދަ މުބާރާތެއްގައި ސެއިލްކޮށްލަން ފުރުސަތު ލިބުމުން ވަރަށް އުފާވެފައި ހުރި ކަމަށެވެ.
މިއީ ރާއްޖޭގައި މިފަދަ މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ. ރިޔަލު ރޯޅިން ބުނީ މޫދު އިތުރު ކުޅިވަރުތަކެއް ތައާރަފްކުރުމުގެ ވިސްނުން އެ ޖަމިއްޔާގެ އެބައޮތް ކަމަށާއި، އެގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި މުބާރާތްތަކެއް ބާއްވަން މަސައްކަތްކުރާނެ ކަމަށެވެ.
ރިޔަލު ރޯޅި ޓީމުން ބުނެފައިވާ ގޮތުގައި މި އިވެންޓް ކުރިޔަށް ގެންދިޔުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ސެއިލިން ދިރުވާ އާލާކޮށް މޫދު ކުޅިވަރު ކުޅުމަށް ޒުވާނުންގެ މެދުގައި އަހުލުވެރިކަން އިތުރު ކުރުމެވެ. ހަމައެހެންމެ މި މުބާރާތް މެދުވެރިކޮށް ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީ ޕްރޮމޯޓް ވެގެންދާނެ ކަމަށް ވެސް ރިޔަލު ރޯޅި ޓީމުން ވަނީ ބުނެފައެވެ.
މި މުބާރާތް ރޭވިފައިވާ ގޮތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ކޮލިފައިން ބުރުތައް ބޭއްވޭނެއެވެ. އަދި ކޮލިފައިން ބުރުތަކުން އެއްވަން އަދި ދެވަނަ ހޯދާ ޓީމުތަކަށް އަންނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ ކަޓަމަރާން ޗެމްޕިއަންޝިޕުން އޮޓަމެޓިކް ޖާގައެއް ލިބޭނެއެވެ.