ކ. މާލެ
|
6 ޑިސެންބަރ 2017 | ބުދަ 02:54
ލުބުނާނުގެ ބޮޑުވަޒީރު ހަރީރީ، ސައުދީ އަރަބިއްޔާގެ ރިޔާދުގައި ހުންނަވައި ޓީވީ މެދުވެރިކޮށް މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ އިޢުލާން ކުރައްވަނީ
ލުބުނާނުގެ ބޮޑުވަޒީރު ހަރީރީ، ސައުދީ އަރަބިއްޔާގެ ރިޔާދުގައި ހުންނަވައި ޓީވީ މެދުވެރިކޮށް މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ އިޢުލާން ކުރައްވަނީ
ބިޒްނަސް އިންސައިޑަރ
ހަރީރީގެ އިސްތިއުފާ
ލުބުނާނުގެ ބޮޑުވަޒީރު ހަރީރީގެ އިސްތިއުފާ އަނބުރާ ގެންދަވައިފި
އިސްތިއުފާ އަނބުރާ ގެންދެވިކަން ހާމަކުރެއްވީ އެނބުރި ލުބުނާނަށް ވަޑައިގެންނެވުމަށް ފަހު ބޭއްވި ފުރަތަމަ ކެބިނެޓް ބައްދަލުވުމަށް ފަހު
ހަރީރީ އިސްތިއުފާ ދެއްވީ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު
ސައުދީގައި ހުންނަވައިގެން އިސްތިއުފާ ދެއްވި ނަމަވެސް، ހަރީރީގެ އިސްތިއުފާ ލުބުނާނުގެ ރައީސް މިޝޭލް އައޫން ގަބޫލުފުޅު ކުރައްވާފައެއްނުވޭ

ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވިކަން އިޢުލާން ކުރިތާ މަސް ދުވަސް ފަހުން، ލުބުނާނުގެ ބޮޑުވަޒީރު ސާދް އަލް-ހަރީރީގެ އިސްތިއުފާ އަނބުރާ ގެންދަވައިފި އެވެ.

ސައުދީ އަރަބިއްޔާ އަށް ކުރެއްވި ކުއްލި ދަތުރުފުޅެއްގައި، ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވިކަން ހަރީރީ އިއުލާން ކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު އެވެ. ހަރީރީގެ އިސްތިއުފާ އާއްމު ކުރެއްވީ، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ހުންނަވައި، ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައެވެ. އެބަޔާނުގައި ހަރީރީ ވިދާޅުވީ، އިސްތިއުފާ ދެއްވުމަށް ނިންމެވީ، އަވަހާރަކޮށްލަފާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ. އަދި ހަރީރީގެ އިސްތިއުފާގެ ބަޔާނުގައި އީރާނާއި، އެގައުމުން މަދަދުދޭ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ލުބުނާނާއި މެދުއިރުމަތީގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވާފައިވެއެވެ.

ހަރީރީގެ އިސްތިއުފާ ލުބުނާނުގެ ރައީސް މިޝޭލް އައޫން ގަބޫލުފުޅު ކުރައްވާފައެއް ނުވެއެވެ. މިޝޭލް ވަނީ، ސައުދީ އަރަބިއްޔާއިން ހަރީރީ ރަހީނު ކުރައްވާފައިވާ ކަމަށް ތުހުމަތު ކުރައްވައި، ހަރީރީގެ އިސްތިއުފާގެ ފަހަތުގައި ވަނީ ސައުދީ އަރަބިއްޔާ ކަމަށް ވިދާޅުވެފައެވެ. ހަރީރީގެ އިތުރުން ލުބުނާނުގެ ޝިއައީންގެ ޖަމާއަތެއް ކަމަށްވާ ހިޒްބުﷲ އިން ވެސް ސައުދީ ރަސްކަމުގެ މައްޗަށް އެތުހުމަތު ކޮށްފައިވެއެވެ.

ސައުދީގައި ދުވަސްތަކެއް ހޭދަކުރެއްވުމަށް ފަހު، ހަރީރީ އެނބުރި ލުބުނާނަށް ވަޑައިގެންނެވީ މީގެ ދެ ހަފްތާ ކުރިންނެވެ.

އޭގެ ފަހުން އޭނާ ވަނީ ހިޒްބުﷲ އިން ސީރިއާ އަދި ޔަމަނު ފަދަ ސަރަހައްދީ މައްސަލަތަކުގެ ތެރެއަށް ވަނުން ހުއްޓާލައިފިނަމަ، ބޮޑުވަޒީރުގެ މަގާމަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

ހަރީރީ ލުބުނާނަށް ވަޑައިގެންނެވުމަށް ފަހު ބޭއްވި ކެބިނެޓްގެ ފުރަތަމަ ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައި ވަނީ، ބޮޑުވަޒީރުގެ އިސްތިއުފާ އަނބުރާ ގެންދެވުމަށް ނިންމެވި ނިންމެވުމަށްޓަކައި ވަޒީރުންގެ ކައުންސިލުން ޝުކުރު އަދާކުރާ ކަމަށެވެ.

ލުބުނާނުގެ ކެބިނެޓުން އަންގާރަ ދުވަހު ވަނީ، ސަރަހައްދީ މައްސަލަތަކުގެ ތެރެއަށް ނުވަނުމަށާއި، އެފަދަ މައްސަލަތަކުގައި ވަކިކޮޅެއް ނުނެގުމަށް ނިންމާފައިވާ ނިންމުން ތަކުރާރު ކުރައްވާފައެވެ.

ކެބިނެޓްގެ ފަރާތުން ހަރީރީ އިއްވެވި ބަޔާނުގައި ވަނީ، ލުބުނާނުގެ ސަރުކާރާއި، ސަރުކާރަށް ނިސްބަތްވާ ސިޔާސީ ފަރާތްތަކުން ސަރަޙައްދީ މައްސަލަތަކާއި، ހަނގުރާމަތައް އަދި އަރަބި ގައުމުތަކުގެ ދާޚިލީ މައްސަލަތަކާއި ދުރުގައި ތިބުމަށް ނިންމާފައިވާ ކަމަށެވެ.

ލުބުނާނުގެ ސިޔާސީ ފަރާތްތަކުން 2016 ވަނަ އަހަރު ހެދި އެއްބަސްވުމުގައިވެސް އެސިޔާސަތު ކަނޑައަޅާފައިވެއެވެ. އެއެއްބަސްވުމުގެ ދަށުން ލުބުނާނުގެ ރައީސަކަށް މިޝޭލް އައޫން، އަދި ބޮޑުވަޒީރަކަށް ސާދް ހަރީރީ ހުންނެވިއިރު، ކެބިނެޓްގެ ވަޒީރުންގެ ތެރޭގައި ހިޒްބުﷲ އަށް ނިސްބަތްވާ ފަރާތްތައް ހިމެނެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް