ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅުމުގެ ދައުވާއާ ގުޅިގެން ކުރިއަށް ގެންދަން އުޅުނު އިބްތިދާއީ އަޑުއެހުން ފަސްކޮށްފި އެވެ.
އަންގާރަ ދުވަހުގެ މެންދުރު ފަހު ބޭއްވި އިބްތިދާއީ އަޑުއެހުން ކުރިއަށް ނުގެންގޮސް ހުއްޓާލީ ދައުވާ ލިބޭ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނަށް ވަކީލަކު ހަމަޖެއްސިފައި ނުވާތީ ވަކީލަކު ހަމަޖައްސަން ފުރުސަތު ދިނުމުގެ ގޮތުންނެވެ. އަލީ ހުސެއިން ފިޔަވައި އެ ދައުވާ ލިބޭ އަނެއް 11 މެންބަރުންގެ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ގާނޫނީ ވަކީލް ހިސާން ހުސެއިންނާއި ނޫރުލްސަލާމް އަބޫބަކުރެވެ. ނަމަވެސް 11 މެމްބަރުންގެ ފަރާތުން ހިސާން ހުސެއިން ވިދާޅުވީ އަލީ ހުސެއިންނާ އެކު ޝަރީއަތް ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ. އެހެން ކަމުން ގާޒީ ނިންމެވީ އަލީ ހުސެއިންނަށް ވަކީލަކު ހަމަޖެއްސުމަށް ފަސް ދުވަހުގެ މުހްލަތެއް ދެއްވުމަށް ފަހު ހުރިހާ މެމްބަރުންގެ ޝަރީއަތް އެއްކޮން ކުރިއަށް ގެންދެވުމަށެވެ.
މި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް މިދިޔަ ބުދަ ދުވަހަށް ތާވަލުކުރުމަށް ފަހު ވަނީ ކެންސަލްކޮށްފަ އެވެ.
ދައުވާ ކޮށްފައިވާ 12 މެމްބަރުންނަކީ
- ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު
 - ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް
 - ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)
 - ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ
 - ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
 - ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން
 - ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ)
 - މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު
 - ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް
 - މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
 - ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން
 - ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު
 
އަލީ ހުސެއިން ވިދާޅުވީ އޭނާ އިހްތިޔާރުކުރެއްވި ވަކީލު ވަނީ ސަސްޕެންޑްކޮށްފައި ކަމަށެވެ. އަދި ވަކީލަކު ހޯދުމަށް ބޭނުން ވަނީ އިތުރަށް ކިތައް ދުވަސްތޯ ސުވާލު ކުރުމުން އަލީ ހުސެއިން ވިދާޅުވީ ވަކީލު ސަސްޕެންޑުން ފިލާނީ ކޮން ދުވަހަކުން ކަމެއް ނޭނގޭތީ ވަކި ދުވަހެއް ދަންނަވަން ނޭނގޭ ކަމަށެވެ.
މި މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފު ވިދާޅުވީ ގާނޫނުގައި ބުނާ ވަކީލަކު އިހްތިޔާރު ކުރުމުގެ ހައްގު ނުގެއްލޭ ކަމަށާއި އެހެން ނަމަވެސް ހޯދަން ވާނީ ކްރިމިނަލް ކޯޓަށް ވަނުމަށް ހުއްދަ އޮންނަ ވަކީލެއް ކަމަށެވެ.
މި ބައްދަލުވުމުގައި ދައުވާ ލިބޭ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވަނީ ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ބޭނުންފުޅުވާތީ ޕާސްޕޯޓް ދޫކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އެހެން ނަމަވެސް ގާޒީ ވިދާޅުވީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ކޯޓުން ނެރުނީ ފިލައިގެން ދާން އުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިގެން ޕާސްޕޯޓް ހިފެއްޓުމުގެ އަމުރަކަށް އެދުމުން ކަމަށެވެ. ނަމަވެސް ރިޔާޒް ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށާއި އަނބިކަނބަލުންގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރައްވަން ޖެހޭތީ ހުއްދަ ހޯދަން ކޯޓުގައި އެދުނީ ފިލައިގެން ދާން ބޭނުންނުވާތީ ކަމަށެވެ.
މި މައްސަލައިގައި 11 މެމްބަރުންގެ ވަކީލު ހިސާން ޗުއްޓީއަށް އެދިވަޑައިގެންފައި ވާތީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ދެން ބޭއްވުމަށް ތާވަލު ކޮށްފައި ވަނީ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.
މެންބަރުންގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ. މީގެ ތެރެއިން ސައުދާއި، ވައްޑެގެ އިތުރުން އަމީތުގެ މައްޗަށް ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ވެސް ކޮށްފައިވެ އެވެ.