އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރަންސް (އޯއައިސީ) އާއި ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތު ގުޅިގެން ބާއްވާ "އިސްލާމިކް ކޮންފަރަންސް އޮފް ހެލްތު މިނިސްޓާޒް" ގެ ހަވަ ބައްދަލުވުން އަންގާރަ ދުވަހު ފަށައިފިއެވެ.
ސައުދީ އަރަބިއްޔާގެ ޖިއްދާގައި ބޭއްވޭ މި ބައްދަލުވުން ކުރިއަށް ދާނީ މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.
ހެތްލް މިނިސްޓްރީ އިން ބުނެފައިވާ ގޮތުގައި މި ބައްދަލުވުމަކީ އިސްލާމިކް ކޯޕްރޭޝަންގެ މެމްބަރު ގައުމުތަކުގެ ސިއްޙީ ދާއިރާގެ އިސްވެރިންގެ މެދުގައި ބޭއްވޭ ބައްދަލުވުމެކެވެ. ދިވެހިރާއްޖެ އޯއައިސީގެ މެމްބަރު ގައުމަކަށް ވެފައި ވަނީ 1976 ވަނަ އަހަރުއެވެ.
ހެލްތް މިނިސްޓްރީ އިން މައުލޫމާތުދޭ ގޮތުގައި މިއަހަރުގެ ބައްދަލުވުމުގައި މިނިސްޓަރުން މަޝްވަރާ ކުރާނެ މައިގަނޑު މަޢުޟޫއަކީ "ހެލްތު އިން އޯލް ޕޮލިސީސް" އަށެވެ.
އެގޮތުން މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހިމް މި މައުޟޫގެ ދަށުން ދިވެހިރާއްޖޭގެ ސިއްހަތު ބައްޓަން ކުރެވިފައިވާ ގޮތާއި ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާގެ ކުރިއެރުންތަކާއި، ގޮންޖެހުންތަކާ ބެހޭ ގޮތުން ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
މި ބައްދަލުވުމުގެ ތެރޭގައި އޯއިސީގެ 2014 އިން 2023ގެ "ސްޓްރެޓިކް ހެލްތު ޕްލޭން އޮފް އެކްޝަން" އަށް މަޝްވަރާ ކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން އިން ބުނެފައިވެއެވެ.
މި ބައްދަލުވުމުގައި ގައިން ގަަޔަށް އަރާ ބަލިތަކާއި، ގައިން ގަޔަށް ނާރާ ބަލިތަކާއި، ގައުމުތަކުގެ ސިއްޙީ ނިޒާމްތައް ހަރުދަނާ ކުރުމާއި، މައިންނާއި ކުޑަކުދިންގެ ސިއްޙަތާއި، ގުޅުންހުރި ކަންކަމާއިމެދު ގައުމުތަކުގެ މެދުގައި މަޝްވަރާ ކުރެވޭނެއެވެ.
މީގެއިތުރުން ސިއްޙީ އިމެޖެންސީ ހާލަތްތަކާއި ކާރިސާ ތަކުގައި ސިއްޙީ ދާއިރާގެ ދައުރާއި، ބެހޭގޮތުންނާއި ފަލަސްތީނުގެ ރައްޔިތުންގެ ސިއްޙީ ހާލަތާއި، ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވޭނެއެވެ.
މީގެއިތުރުން މި ބައްދަލުވުމުގެ ހަވާސާގައި ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހި ކުރުމަށާއި، ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް ގައުމުތަކާއެކު އެހީތެރިކަން ހޯދިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ތަފާތު ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެފައިވެއެވެ.