ކުނި މެނޭޖް ކުރުމާ ބެހޭ ގަވާއިދަށް އިތުުރު އިސްލާހެއް އެންވަޔަރަމެންޓް މިނިސްޓްރީން ގެނެސްފި އެވެ.
މި އިސްލާހުގައި ބުނެފައިވަނީ، މި ގަވައިދުގެ ދަށުން ނުރައްކާތެރި ކުނި މެނޭޖްކުރުމުގައްޔާއި ނައްތާލުމުގައި ގެންގުޅެންޖެހޭ އުސޫލުތައް ތަންފީޒީ އިދާރާތަކުން ކަނޑައަޅަންވާނެ ކަމަށެވެ.
ގަވައިދުގެ 25 ވަނަ މާއްދާގެ (ހ) އިސްލާހު ގެނެސްފައިވާ އިރު މި މާއްދާއަށް (ނ) ވަނީ އިތުރުކޮށްފަ އެވެ.
މި މާއްދާގެ (ހ) އަށް ގެނެސްފައިވާ އިސްލާހުގައި ވަނީ ރާއްޖޭގެ ސަރަހައްދުގައި އެއްތަނުން އަނެއްތަނަށް ކުނި އުފުލުމުގައި އަމަލު ކުރަންޖެހޭނީ މި ގަވައިދުގެ 6 ވަނަ މާއްދާގެ ދަށުން ތަންފީޒީ އިދާރާއިން އެކުލަަވައިލާފައިވާ ކުނި އެއްތަނުން އަނެއްތަނަށް އުފުލުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާ އެއް ގޮތަށް ކަމަށެވެ.
މި މިންގަނޑުތަކާ ހިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ގަވައިދުގެ 12 ވަނަ ނަންބަރުގައި ވާގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ.
އެއްވެސް ފަރާތަކުން ނުރައްކާތެރި ކުންޏާއި ހާއްސަ ކުނި، ރާއްޖޭން ބޭރުކުރާނަމަ، ބޭރުކުރުމަށް ކަނޑައަޅާފައިވާ ދުވަހުގެ 1 މަސް ދުވަހުގެ ކުރިން އެ ގަވައިދުގެ ފޯމު ފުރިހަމަކުރުމަށްފަހު ތަންފީޒީ އިދާރާއަށް ހުށަހަޅައި ހުއްދަ ހޯދަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން ވިޔަފާރި ކުރާ ތަންތަނާއި ސައިހޮޓާ، ރެސްޓޯރެންޓް ފަދަ ތަންތަނުގެ ބޭރުގައި ކުނި ބެހެއްޓުމަކީ މަނާކަމެއްކަން އަންގައިދިނުމުގެ ގޮތުން ތަންފީޒީ އިދާރާއިން ތައްޔާރުކޮށްފައިވާ ނަމޫނާ ސްޓިކަރއާ އެއްގޮތް ސްޓިކަރއެއް އާންމުކޮށް ފެންނަ ގޮތަށް ހިއްޕާފައި ހުންނަން ޖެހޭނެ ކަމަށް އިސްލާހު ކުރެވުނުގެ ގަވައިދުގައި ބުނެ އެވެ.
މި ސްޓިކަރ ހަރުނުކުރާ ފަރާތްތައް މިގަވާއިދުގެ ދަށުން ޖޫރިމަނާކުރެވޭނެ ކަމަށްވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
ކުނިމެނޭޖްކުރުމުގެ ގަވައިދު އެންވަޔަރަމެންޓް މިނިސްޓްރީން އާންމު ކޮށްފައިވަނީ 5 އޮގަސްޓް 2013 ގަ އެވެ. މި ތާރީހުގައި ގެޒެޓް ކުރެވުނު ނަމަވެސް މި ގަވައިދަށް އަމަލު ކުރަން ފަށާފައިވަނީ 5 ފެބްރުއަރީ 2014 އިން ފެށިގެންނެވެ.
މި ގަވާއިދުގައި، އެއްގޮތަކަށް ވެސް ކުނި އުކައިގެން ނުވާނެ ސަރަހައްދުތަކާއި، މީހުން ދިރިއުޅޭ ރަށްރަށުގައި ގާއިމުކުރެވިފައިވާ އަދި ގާއިމު ކުރަމުންދާ ކުނިކޮށިތައް ހިންގައި ބަލަހައްޓާނެ ގޮތްތައް ބަޔާންކޮށްފައިވެ އެވެ. ކުނި އުފުލުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އަމަލު ކުރަންޖެހޭ ގޮތްތަކާއި، އެކި ފަރާތްތަކުން ކުނި މެނޭޖްކުރުމުގައި ގެންގުޅެންޖެހޭ މިންގަނޑުތައް ވެސް ބަޔާންކޮށްފައިވެ އެވެ. އަދި މި ގަވާއިދުގައި ބުނެފައިވާ ގޮތާ ހިލާފުވެއްޖަނަމަ ހިލާފުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް ވެސް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. މީގެ އިތުރުން، މި ގަވާއިދަކީ މުޅިރާއްޖެއަށް އަމާޒުކޮށް އެކުލަވާލައި ގެޒެޓްކުރެވިފައިވާ ގަވާއިދެއް ކަމުގައިވާތީ، މި ގަވާއިދުގައި ސިޓީ އަދި ރަށު ކައުންސިލްތަކުން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކާއި އަދި ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތަކުން ކުރަންޖެހޭ ކަންތައްތަކާއި، ގޭބިސީތަކުންނާއި އަދި އާންމު ފަރުދުން ކުރަންޖެހޭ ކަންތައްތައް ވެސް ބަޔާންކޮށްފައިވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކުރެ އެވެ.