ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުން ގއ ވިލިގިނލީގައި ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދަނީ އެއްވެސް ޕްލޭނެއް އޮވެގެން ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ގއ ވިލިގިނލީ ކައުންސިލުން ބުނެފިއެވެ.
ގއ ވިލިގިނލީގައި ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫޢުތަކާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް ދެއްވި އިންޓަވިއުއެއްގައި ގއ ވިލިގިނލީ ކައުންސިލްގެ މެމްބަރު މުހައްމަދު އިބްރާހިމް ފިކުރީ ވިދާޅުވީ ވިލިގިނލީ ބޭރުތޮށި ހެދުމުގެ މަސައްކަތާއި ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫޢުތަކެއް ކުރިއަށްދާ ކަމަށެވެ.
ފިކުރީ ވިދާޅުވީ އެ މަސައްކަތްތަކަކީ މިއަހަރުގެ ނިޔަލަށް ނިންމުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކެއް ކަމަށާއި ނަމަވެސް އެ ދެ މަޝްރޫޢު ކުރިއަށްދާ ގޮތަށް ބަލާއިރު މިއަހަރުގެ ނިޔަލަށް އެ މަސައްކަތްތައް ނިމިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ފިކުރީ ވިދާޅުވީ ވިލިގިނލީ ބޭރު ތޮށި ލުމުގެ މަސައްކަތަކީ މީގެ ދެ އަހަރު ކުރިން ފަށާފައިވާ މަސައްކަތެއް ކަމަށާއި ނަމަވެސް ތަފާތުއެކި ސަބަބުތައް މެދުވެރިވެގެން އަދި ވެސް މަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާ ކަމަށެވެ.
އޭނާ ވިދާޅުވީ ބޭރު ތޮށި ލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ މަސައްކަތް އެންމެ ފުރަތަމަ މަޑުޖެހުނީ ކައުންސިލުންނާއި ރައްޔިތުން އެކަމަށް އެދިގެން ކަމަށެވެ. އެގޮތުން ތޮށި ލުމަށް ބޭނުންވާ ގޮތް ރައްިތުންނާ މަޝްވަރާ ކުރުމަށް ފަހު ކައުންސިލްގެ ފަރާތުން ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް މަސައްކަތް ކުރިއަށް ދަނީ ރައްޔިތުންނާ ކައުންސިލުން ހުށަހެޅި ގޮތަށް ކަމަށް ގަބޫލު ނުކުރެވޭނެ ކަމަށް ވިލިގިނލީ ކައުންސިލް މެމްބަރު ވިދާޅުވިއެވެ.
މީގެއިތުރުން ބޭރު ތޮށި ލުމުގެ މަސައްކަތް ކުރިއަށްދާއިރު ބަނދަރުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށާއި އަދި ބަނދަރުފުންކުރަން ރައްޔިތުން ބޭނުންވި ނަމަވެސް އެ މަސައްކަތް ވެސް ކުރިއަށް ނުދާ ކަމަށް ފިކުރީ ވިދާޅުވިއެވެ.
ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫޢުއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފިކުރީ ވިދާޅުވީ އެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާ ހަވާލު ކޮށްފައިވާ ކަމަށާއި އަދި އަމަލީ މަސައްކަތް ފެށޭތާ ތިން މަސް ތެރޭ މަސައްކަތް ނިންމާލެވޭނެ ކަމަށް އެ މަސައްކަތް ހަވާލު ކުރެވިފައިވާ ކުންފުނިން ބުނެފައިވާ ކަމަށް ފިކުރީ ވިދާޅުވިއެވެ.
ފިކުރީ ވިދާޅުވީ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ހޮޅި ވަޅުލުމަށްޓަކައި ވިލިގިނލީ މަގުތަކުގައި އަޅާފައިވާ ތާރު ކަނޑަން ޖެހޭނެ ކަމަށާއި އެކަމުގެ ސަބަަބުން އެތައް ދަތިތަކެއް ކުރިމަތިވެގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ އެކަން އެގޮތަށް ދިމާވީ މަގުތަކުގައި ތާރު އެޅިއއިރު އެކަން ކަމަށް ނުވިސްނާ ނުވަތަ ދުރާލާ ޕްލޭންތައް ހެދިފައި ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ދޭން ބޭނުންވާ ޚިދުމަތްތައް ދިނުމުގައި ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފިކުރީ ވިދާޅުވީ ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ބަޖެޓް ނެތުން ކަމަށެވެ.
އެގޮތުން ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް މަލްޓިޕާޕަސް ޕާކަކާއި ރައްޔިތުންނަށް ހިޔާ އެއް ހަދައިދޭން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ކުރަން ޖެހޭ ހުރިހައި އިދާރީ ކަމެއް ނިމިފައިވާ ކަމަށާއި ހަމައެކަނި މައްސަލައަކީ މަސައްކަތް ކުރުމަށް ބޭނުންވާ ބަޖެޓް ނެތުން ކަމަށް ފިކުރީ ވިދާޅުވިއެވެ. އަދި އަމިއްލަ ފަރާތެއްގެ ހިލޭ އެހީ ހޯދައިގެން އެ މަސައްކަތްތައް ކުރިއަށް ގެންދެވޭތީ ބަލަމުންދާ ކަމަށް ފިކުރީ ވިދާޅުވިއެވެ.