ތ. ވިލުފުށި ކުރީގެ ކައުންސިލުގެ ރައީސް ހުސައިން ޖަބީން ހަ މަސްދުވަހަށް ގޭބަންދު ކުރުމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލް ކޮށްފި އެވެ.
ވިލިފުށީ ކޯޓުން ޖަބީންގެ މައްޗަށް ހުކުމް ކޮށްފައި މިވަނީ 2015 ވަނަ އަހަރުގެ އެޕްރީލް މަަހުގެ 20 ވަނަ ދުވަހު އެމްއާރުޑީސީން މަގު ހެދުމުގެ މަސައްކަތެއް ކުރުމަށް ޖަހާފައިވާ ދަގަނޑެއް އޭނާ އުފުރާލައި، އެއްލާލި މައްސަލައިގާ ދައުލަތުން އޭނާގެ މައްޗަށް އުފުލި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ސާބިތުވުމުންނެވެ. އަދި އޭނާގެ މައްޗަށް އެ ކުށް ސާބިތުވެފައި ވަނީ ދައުލަތުން ހުށަހެޅި ހެއްކާއި ހެކީންގެ ހެކިބަހުން ކަމަށް ވިލިފުށީ ކޯޓުން ކުރި ހުކުމުގައި ބުނެފައިވެއެވެ.
ނަމަވެސް ޖަބީނުގެ ފަރާތުން ހައިކޯޓުގައި އެމައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން އަންގާރަ ދުވަހު ނިންމާފައިވަނީ ވިލުފުށި މެޖިސްޓްރޭޓް ކޯޓުގެ ހުކުމް ބާތިލް ކަމަށެވެ.
ވިލުފުށި މެޖިސްޓްރޭޓް ކޯޓުގެ އެހުކުމް ޖަބީނުގެ މައްޗަށް ކުރިއިރު، އޭނާއަކީ ވިލުފުށި ކައުންސިލްގެ ރައީސްގެ އިތުރުން އޭރު ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި އެރަށުގެ ކައުންސިލަށް ވާދަކޮށް، ކެމްޕެއިން ކުރަމުންދިޔަ ކެންޑިޑޭޓެކެވެ.
ވިލުފުށި ކޯޓުން ޖަބީނުގެ މައްޗަށް ކުރި އެހުކުމާއި ގުޅިގެން އޭރު ވާދަކުރަމުންދިޔަ ވިލުފުށި ކައުންސިލްގެ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލިގެން ގޮސްފައި ވެއެވެ.
ވިލުފުށި މެޖިސްޓްރޭޓް ކޯޓުން ޖަބީނުގެ މައްޗަށް ކުށް ސާބިތުވެ، ހުކުމް ކުރުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ޖަބީނުގެ ކެންޑިޑެންސީ ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. އިލެކްޝަން ކޮމިޝަނުން އެގޮތަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން ވަނީ ޖަބީނުގެ ކެންޑިޑެސީ ބާތިލް ކަމަށް ކަނޑައަޅާފަ އެވެ.
ވިލުފުށި މެޖިސްޓްރޭޓް ކޯޓުން ކުރި އެހުމް ހައިކޯޓުން ބާތިލް ކުރިއިރު، އެހުމާއި ގުޅިގެން ޖަބީނު ހަ މަސްދުވަހަށް ގޭ ބަންދު ކުރިކުރުން ވެސް އޭނާ ވަނީ ތަންފީޒުކޮށް ނިންމާފަ އެވެ. އަދި މިދިޔަ މެއި މަހުގެ ތެރޭގައި ވަނީ ލޯކަލްކައުންސިލްތަކުގެ އިންތިހާބުވެސް ބާއްވާ ކައުންސިލަރުން އިންތިހާބުކޮށްފަ އެވެ.
މިއަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ސަރުކާރުން، ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެފައިވަނީ ވިލުފުށި ކައުންސިލްގެ ގޮނޑިތައް ސަރުކާރުން ކާމިޔާބު ކުރާނެ ކަމަށެވެ.
ނަމަވެސް އެ އިންތިހާބުގައި ޕީޕީއެމްއަށް ކާމިޔާބު ކުރެވިފައިވަނީ ޖަބީނުގެ ކެންޑިޑެސީ ބާތިލު ކުރުމުން ޕީޕީއެމް ކެންޑިޑޭޓް އިންތިހާބުވި ގޮނޑި އެކަންޏެވެ.