ރާއްޖެއިން ޗައިނާއާ އެކު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމެންޓްގެ (އެފްޓީއޭ) ސަބަބުން އަވައްޓެރި އިންޑިއާ އާއި ސްރީލަންކާގެ ގުޅުމަށް ހީނަރުކަމެއް ނާންނާނެ ކަމަށް ދިވެހިރާއްޖޭގެ ސަރުކާރުން ބުނެފިއެވެ.
ސްރީލަންކާގެ އެމްބަސީގައި ދިވެހި ސަރުކާރުގެ ފަރާތުން ބަންޑާރަ ނާއިބު މުހައްމަދު އަނިލް އާއި ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އާއި ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ދެއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި އެ ބޭފުޅުން ވިދާޅުވީ އެފްޓީއޭ އެގްރީމެންޓަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެގްރިމެންޓެއް ކަމަށެވެ. އަދި އެ އެގްރިމެންޓުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ކުރިއަރައިދާނެ ކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި މުންދު ވަނީ ފްރީ ޓްރޭޑް އެގްރިމެންޓަށް ރާއްޖެއިން ސޮއިކުރުމުން އިދިކޮޅު ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކޮށްފައި ވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މުންދު ވިދާޅުވީ ޗައިނާ އާއި ރާއްޖެއިން ވެފައިވާ ފްރީ ޓްރޭޑް އެގްރިމެންޓަކީ 2014 ވަނަ އަހަރުން ފެށިގެން ދެގައުމުގެ ދޭތެރޭގައި މަޝްވަރާކުރަމުން އައި އެގްރިމެންޓެއް ކަމަށެވެ.
މީގެ އިތުރުން މުންދު ވިދާޅުވީ ފްރީ ޓްރޭޑް އެގްރިމެންޓްގެ ސަބަބުން އަވަށްޓެރި ގައުމުގެ މަސްލަހަތަށް ހުރަސް އެޅިގެން ނުދާނެ ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ މަސްލަހަތަށް ބުރޫ ނާރާނެ ކަމުގެ ޔަގީންކަން މުންދު ވަނީ ދެއްވާފައެވެ.
ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވީ މި އެގްރިމެންޓްގެ ސަބަބުން ރާއްޖޭގެ މަސް އެކްސްޕޯޓް ކުރުމުގައި ބޮޑު ފައިދާތަކެއް ލިބިގެން ދާނެ ކަމަށެވެ. އަދި މި އެގްރިމެންޓްގެ ސަބަބުން ރާއްޖެގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޝައިނީ ވިދާޅުވީ މީގެ ކުރިން ވެސް ރާއްޖެއިން ސްރީލަންކާ އާއި އިންޑިއާއާ އެކު ފްރީ ޓްރޭޑް އެގްރިމެންޓެއް ހަދާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިކަހަލަ ފްރީ ޓްރޭޑް އެގްރިމެންޓްތައް ޔޫރަޕާއި އެހެނިހެން ގައުމުތަކުގެ މެދުގައި ސޮއިކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މުންދު ވިދާޅުވިއެވެ.
މިނިސްޓަރު ޝައިނީ ވިދާޅުވީ އަވަށްޓެރި ގައުމުތަކާ އެކު މީގެ ކުރިން ހަދާފައިވާ ސައުތު އޭޝިއާ ފްރީ ޓްރޭޑް އެގްރިމެންޓް (ސަފްޓާ) ރަނގަޅަށް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު ވެވޭ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޑިއުޓީއެއް ނެތި ދެގައުމުގެ މެދުގައި މުދާ ބަދަލުކުރުމަކީ ދިވެހި ރައްޔިތުންނަށް އެކަމުން ފައިދާ ކުރާނެ ކަމެއް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. ޗައިނާއަކީ ރައީސް ޔާމީންގެ ސަރުކާރުން އެންމެ ބޮޑަށް ގުޅުން ބާއްވަމުން އަންނަ ގައުމެވެ. ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތައް ހިންގަމުން ދަނީ ވެސް ޗައިނާގެ ކުންފުނިތަކުންނެވެ.