ރައީސް ޔާމީން އަވަހާރަ ކޮށްލުމަށް ގެނެސްފައިވާ ސްނައިޕަރެއް ކަމަށް ބުނެ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ ލަހިރު މަދުޝަންކާ ދޫކޮށްލުމަށް ސްރީލަންކާ ސަރުކާރުން އެދިފައި ނުވާ ކަމަށް ބަންޑާރަ ނާއިބު މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.
ސްރީލަންކާގެ އެމްބަސީގައި ހޯމަދުވަހު ދެއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ބަންޑާރަ ނާއިބު ވިދާޅުވީ ޖިނާއީ މައްސަލަތަކުގައި ކަންތައް ކުރަންވީ ގޮތުގެ ސިސްޓަމެއް ރާއްޖެ އާއި ސްރީލަންކާއާ ދެމެދު އޮންނަ ކަމަށާއި އެހެން ނަމަވެސް ސްނައިޕަރު ކަމަށް ބެލެވޭ މަދުޝަންކާ އަނބުރާ ލަންކާއަށް ފޮނުވާލުމަށް ލަންކާ ސަރުކާރުން އެދިފައި ނުވާ ކަމަށެވެ.
މަދުޝަންކާ ހައްޔަރުކޮށްފައި ވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު 24 ވަނަ ދުވަހު އެވެ. އަހަރެއްހާ ދުވަހު ދޫނިދޫގައި ބަންދުކޮށްފައި ބޭއްވުމަށް ފަހު މަދުޝަންކާގެ މައްޗަށް، އެނގި ހުރެ މީހަކު މަރަން ރޭވުމުގެ ދައުވާ ކުރީ މިދިޔަ އަހަރުގެ އޯގަސްޓް މަހުއެވެ.
ބަންޑާރަ ނާއިބު މިހެން ވިދާޅުވެފައި ވީ ނަމަވެސް މަދުޝަންކާގެ ޝަރީއަތް ނުބާއްވާ ގިނަ ދުވަސްތަކެއް ވާތީ ޝަރީއަތް އަވަސްކޮށްދިނުމަށް މިއަހަރުގެ މާޗް މަހުގެ ތެރޭގައި، ދިވެހި ސަރުކާރާ އެކު ސްރީ ލަންކާގެ ފޮރިން މިނިސްޓްރީގެ ލީގަލް އެފެއާޒް ޑިރެކްޓަރު ސީއޭއެޗްއެމް ވިޖަރަތުނެއާ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ލަންކާގެ ނޫސްތަކުގައި ބުނެފައިވެ އެވެ. ބޭރުގެ ގައުމެއްގެ ޝަރުއީ ނިޒާމުގައި އޮތް މައްސަލައެއްގެ ތެރެއަށް ލަންކާ އަށް ނުވަދެވޭނެކަން އޭނާ އޭރު ފާހަގަކޮށްފައިވާ ކަމަށް ލަންކާގެ ނޫސްތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ.