ފުލުހުންނާއި ފުލުހުންގެ އާއިލާތަކުގެ މެމްބަރުންނަށް ފަސޭހަކަމާ އެކު ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުގައި ފުލުހުންގެ މެޑިކަލް ސަރވިސަސް ޑިޕާޓްމަންޓުން ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް އޮންލައިންކޮށް އެދެވޭނެ ނިޒާމެއް ގާއިމްކޮށް، އެނިޒާމް ތައާރަފްކޮށްފި އެވެ.
މިކަމަށްޓަކައި ހޯމަ ދުވަހު ހެނދުނު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ނިޒާމް ތައާރަފްކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް އެވެ. މިރަސްމިއްޔާތުގައި އަރީފްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން އޭޑީކޭ ހޮސްޕިޓަލްގެ އިސްވެރިންނާއި މެޑިކަލް ސަރވިސް ޑިޕާޓްމަންޓްގެ އިސްވެރިންނާއި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެޑިކަލް ސަރވިސަސް ޑިޕާޓްމަންޓްގެ އެކްޓިންގ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. ސުޖާއު ވިދާޅުވީ މި ހިދުމަތާ އެކު އޭޑީކޭ އިން ހިދުމަތް ހޯދުމަށްޓަކައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ދޫކުރާ ސްލިޕް ހޯދުމާއި ސިއްހީ ހިދުމަތް ހޯދުމަށް ހުރި ދަތިތަކަށް ހުއްޓުމެއް އައިސް، ކޮންމެ ތަނެއްގައި މުވައްޒަފު ހުރި ނަމަވެސް އިންޓަނެޓާއި މޯބައިލް ފޯން އެޕް އަދި ފޯން ކޯލް މެދުވެރިކޮށް އެ މުވައްޒަފަކު އަމިއްލައަށް ކްރިޓިޑް ސްލިޕަަށް އެދެވޭނެ ކަމަށެވެ. އަދި ކްރެޑިޓް ސްލިޕަށް އެދުމުން އޭޑީކޭ ހޮސްޕިޓަލުގެ ކައުންޓަރުތަކުން ފެންނާނެ އިންތިޒާމް މި ނިޒާމުގެ ތެރެއިން ގާއިމްކުރެވިފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި މި ހިދުމަތް އިތުރު ހޮސްޕިޓަލްތަކާއި ޕްރައިވެޓް ކްލިނިކްތަކަށް ފުޅާވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އަތޮޅު ތެރޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް މާލޭގައި މަސައްކަތްކުރާ މުވައްޒަފުންނާ އެއް އުސޫލަކުން ހަމަހަމަކަމާ އެކު ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ޕޮލިސް މެޑިކަލް އިންފޮމޭޝަން ސިސްޓަމް ގާއިމްކޮށް އަމިއްލަ ކްލިނިކްތަކުން ވެސް ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ސުޖާއު ވިދާޅުވިއެވެ. އަދި ކޮންމެ ރަށެއްގައި ގާއިމްކުރެވިފައިވާ އެސްޓީއޯ ބޭސްފިހާރަތަކުން ފުލުހުންނަށް ކްރިޑިޓަށް ބޭސް ލިބޭނެ އިންތިޒާމާއި އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ހޮސްޕިޓަލްތަކުންނާއި އެކި ފަންތީގެ ސިއްޙީ ސެންޓަރުތަކުން ފުލުހުންގެ ކްރެޑިޓް ސްލިޕް ގަބޫލުކުރެވޭނެ އިންތިޒާމް ވެސް ހަމަޖެހިފައިވާ ކަމަށް ވެސް ސުޖާއު ވިދާޅުވިއެވެ.